ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްބާރުލުން ނުދެއްވާ ކަމީ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ނަސީބު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ރޭ ވިދާޅުވެއްޖެއެވެ.

ވެރިކަން ހިންގާ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވެ، އެންމެ ބޮޑަށް އަޑު އުފުއްލަވަނީ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނެވެ. ކޯލިޝަން ސަރުކާރުގެ އެއް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނައުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ.

އަލްހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު މަޖިލިހުގައި އިންނަވައިގެން ކުރައްވާ ކަމަކީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުން ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ "ހިހޫތަނުން" ބޮޑު ވަޒީރެއްގެ ނަމުގައި އަމިއްލަފުޅަށް ވެރިކަމުގެ ބާރު ނަންގަވަން ކަމަށް ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަށް އެއްބާރުލުން ނުދެއްވާ ކަމީ އެމްޑީޕީގެ ނަސީބު ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

"އެހެން ނޫންނަމަ ދެން އޮންނާނީ ވެރިކަން ވެއްޓުން،" އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ވިދާޅުވިއެވެ.

"މިފަހަރުވެސް ވެރިކަމަށް އައީ ގައުމީ އިއްތިހާދުގެ ނަމުގައި ވާދަވެރިންނާއެކީ ހެދި ކޯލިޝަން އަކުންކަން ހަނދުމަނެތުނީތޯ؟ ކަންކަން އޮޅުވާ ނުލައްވާ، މަނިކުފާނާ ވެރިކަން ހަވާލުކުރަންޖެހޭ ސަބަބެއް ނެތް. މަނިކުފާނު އަތްޕުޅުހައި އަލާއުއްދީންގެ ވޮއްގަނޑު އޮތީތޯ؟"

ރައީސް އޮފީހުގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވިސްނަވަން ވަގުތެއް ނެތް ކަމަށާއި ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވައުދުތައް ފުއްދަވަން ކަމަށެވެ.

ގާނޫނުއަސާސީ އެކުލަވާލި އިރު ވެރިކަން ހިންގާނެ ނިޒާމަކާ މެދު 2007 ގައި ނެގި ވޯޓުގައި ރައްޔިތުން ބުރަވީ ރިޔާސީ ނިޒާމަށެވެ. އެކަމަކު، އޭރުގައި ރާއްޖޭގައި އޮންނަން އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެކެވެ. އެކަމަކު، ނަޝީދު ވިދާޅުވަނީ ވެރިކަން ހިންގަން އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތްޕުޅު ކުރައްވާނީ ރައީސް އެގޮތަށް ބޭނުންފުޅުވީމަ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން އަލްހާން ކުރެއްވި ޓުވީޓުތަކުގައި އެންމެ ބޮޑަށް ފާޑު ވިދާޅުވީ ނަޝީދަށެވެ. އަލްހާން ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް ފުރަތަމަ ފަހަރަށް ވެރިކަން ލިބުނީ "ވަތަން އެދޭ ކޯލިޝަނެއްގެ" ތެރެއިންނެވެ. އެ ކޯލިޝަންގެ އެއްބަސްވުން އުވާލައި މިތުރުން ހަތުރުންނަށް ހަދާ، އެންމެ ފަހުން އެމްޑީޕީއަށް އެވެރިކަން ގެއްލުނީ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

"ތިޔަ ވިދާޅުވާ ވާދަވެރިން ޖުމްހޫރީ މައިދާނަށް އެއްވެ، ޖެހި ދުން ބަޑިއެއްގެ އަޑަށް ބިރުން މަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވުމުން! ޖެހިހެން އައި ދުވަހު ގަދަ ހިތްވަރާއެކު އެމްޑީޕީ މަގުމައްޗަށް ނުކުތީ ސީދާ އަޅުގަނޑު ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުރެ ،" ފެބްރުއަރީ 7، 2012 އާއި ޖެހިގެން އައި ދުވަހު ހިނގައިދިޔަ ކަންކަމަށް އިޝާރާތް ކުރައްވައި އަލްހާން ވިދާޅުވިއެވެ.

އޭގެ ފަހުން، ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ޕާޓީގެ އުސޫލުތަކާ ހިލާފަށް ރިޔާސީ ޓިކެޓު ހޯއްދަވަން ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ނަޝީދު ނޫން ކެންޑިޑޭޓެއް ދައްކައިގެން ކަމަށް އޭނާ ވިދާޅުވުމާ ގުޅިގެން ނަޝީދު އިސްވެ ހުންނަވައި، އެމްޑީޕީގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މަސައްކަތް ފަށައި، އެކަން ކާމިޔާބު ކުރެއްވި ކަން އަލްހާން ފާހަގަކުރެއްވިއެވެ.

އަލްހާން ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނަޝީދަށް ކާމިޔާބު ނުކުރެއްވުނީ ޕާޓީ ހިސޯރު ކުރައްވައި، އެހެން ބޭފުޅުންނަށް ފުރުސަތު ނުދެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

"އޭރު ޕާޓީގައި އަޅުގަނޑު ހުރި މަގާމުގެ ހައިސިއްޔަތުން މަނިކުފާނަށް ވުރެ އިސްކޮށް ކަމަށްވީތީ ޕާޓީގެ ކުރިމަގާ ޑިމޮކްރަސީއަށްޓަކައި ފަހަތަށް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހަށް އެ ފުރުސަތު ފަހިކޮށްދީފިނަމަ އެމްޑީޕީއަށް އަނބުރާ ވެރިކަން ހޯދޭނެކަމަށް. ސީދާ މަަނކުފާނަށް ދެންނެވިން. ނަމަވެސް މަނިކުފާނު ކޯފާ އިސްކުރައްވާ ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ތަބަކަށް ލާ، އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށާއި ހިންނަވަރު ކުދިން ރާއްޖޭގެ ވެރިކަން ނުކުރާނެކަމަށް،" އަލްހާން ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރައްވަން ނަޝީދު ނިންމެވި ނަމަވެސް، އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ބަޔަކު ކުރި މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެންޑިޑޭޓަކަށް ހަދަން ނިންމެވި ކަން އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެންޑިޑޭޓަކަށް ހަމަޖެއްސީ ނަޝީދުގެ ނުރުހުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަދު

    އެއްވެސް ނިޒާމެއްގައި ވަގުން، އަމިއްލަ އެދުމުން ފޯވަފައި ތިބި މީހުން، ތިބެންޏާ ރަނގަޅެއް ނުވާނެ. ދިވެހި ރާއްޖެ އަށް ދެން ކުޑަވެސް އުއްމީދެއްއޮތީ މިހާރު މިއުޅޭ ސިޔާސީ ބައިގަނޑު ގައުމު ދޫކޮށް ގޮސްގެން.

    14
  2. ލައިޓް

    ރާއްޖޭގެ ބަދުނަސީބަކީ ޕާލިމެންޓަރީ ސިސްޓަމް އެއްގެފައިދާ ރައްޔިތުންނަށް ހާމަކޮށް ނުދެވޭތީ

    13
  3. ތާކިހާ

    އެމް.ޑީޕީ އިސްވެއޮވެ އެއްވެސްނިޒާމެއްގެތެރެއިންވެސް މިރާއްޖެއަކަށް ކޮށްދެވޭނެކަމެއްނެތް، އަމިއްލަ އެދުމުން ފޯވެ ބަދަލު ހިފުމުގެ ރޫޚު ގައި ތެޅިފޮޅޭބަޔަކަށް މިކަމެއްނުވާނެ އިނގޭތޯ. ބަލާލަބަ މިހާރުވެސް އަދުލުއިންސާފު ހޯދާދެމުންދާގޮތް، ކަނޑައެޅިގެން ސާބިތުވާ މުލަވަގުން ގޭގައިފިނިކޮޓަރީގައި ނިންދަވާފައި. ކުރީގެ ފަނޑިޔާރުން ވަކިކުރެވުގޮތްވެސް މިހާރުހަމަ ރަގަނޅު. ކިހާސަޅި. މި ބައިމީހުން ފަނޑިޔާރުން ލާންވީމަ ފަނޑިޔާރުން ވަކިކުރެވޭގޮތް ހަމަ ވަރަށްސަޅި. ނަޝީދޫ ރައްޔިތުން މިފަހަރު ކަލޭއާއިއެކީ 15 ކުޅި އިތުރަށް ކުޅޭނެ، އެއީ އެމްޑީޕީ ގެ އުމުރުން އަހަރަކަށް ކުޅިއެއް. ވ ސަލާމް

    13
  4. ތާކިހާ

    ވަރަށް ރަނގަޅު ވާހަކައެއް ދިރުމެއްވާނަމަ އުންމީދެއް އޮންނާނެއެވެ.

  5. ބެއްޔާ

    އެހެންވީމާ މިގައުމުގަ ހުޅިޖެހި ދުވަހުގެ ޒިންމާ އަމިއްލައަށް ތިނެންގެވީކަމަށް މިބަލަނީ. އަމިއްލަ އިއުތިރާފް ވަރަށް މުހިއްމު. ވެރިކަމަށް އަންނަށް އުޅޭ މީހުން ހޯދަންޖެހެނީ ހަމައެކަނި އެމްޑީޕީގެ ތައީދުނޫންކަންވެސް އަލްހާނުގެ ވާޙަކައިން ސާފުވޭ. ޕާޓީތަކަށް ނުވަދެވެސް ވަރަށްގިނަ ރައްޔިތުން އުޅޭ

  6. Anonymous

    އަލްޙަަނު ފަހުމީ، ލޮލީ ޖާބިރު، އަދުރޭ ފަދަ މީހުން ދައްކާ ވާހަކަ ގަބޫލު ކުރާނެ %5 މީހުންވެސް މިޤައުމަކު ނުއުޅޭ ނޫންތޯ.