ކޮވިޑް-19 ފެތުރެމުން ދާތީ ފަސްކޮށްފައިވާ ކައުންސިލް އިންތިޚާބު އަވަސް ކުރަން ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހްމީ ގޮވާލައްވައިފިއެވެ.

އަލްހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަހުގެ ސަބަބުން ފަސްކުރެވިފައިވާ 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބާއްވަން މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ގާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައި އިންތިހާބު ބޭއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުރިހާ މެންބަރުންނަށް އިއްތިފާޤުވެވޭ އެއްކަމަކީ އިންތިޚާބު ބާއްވާ ނިންމަންޖެހޭނޭ މިއަންނަ އަހަރުގެ ރޯދަމަސް ކުރިން. ރޯދަަހުގެ ކުރިން ދެވަނަ ބުރުވެސް ނިންމަންޖެހޭނޭ. އޭޕްރީލް މަހުގެ 12 އަށް ރޯދަމަސް ފޯލްވާނެކަމަށް ހަނދާންވަނީ. އަދި ވަކި ތާރީޚެއް ކަނޑައެޅީކީއެއް ނޫން އިނގޭތޯ. އަދި އަޅުގަނޑުމެން މަޝްވަރާކޮށް ނިންމީކީ ނޫން. ބޮޑަށް ބުރަވެވެނީ މާރޗުމަހުގެ ތާރީޚެކޭ އަޅުގަނޑުމެންނަށް ކަނޑައެޅޭނީ މިހާރުގެ ޙާލަތަށްބަލާ އަޅުގަނޑުމެންގެ މަސައްކަތްތައް ރާވަމުންދާގޮތަށް ބަލާއިރު. އެހެންކަމުން މާޗްމަހުގެ ކުރީކޮޅު އިންތިޚާބު ބާއްވަން ވާހަކަދެކެވެމުންމިދަނީ." ޝަރީފް ވިދާޅުވިއެވެ.

މިއަހަރު ބާއްވަން ތައްޔާރުވަމުން ދިޔަ ކައުންސިލް އިންތިޚާބު މުއްދަތެއް ނެތް ގޮތައް މިހާރު ފަސްކޮށްފައި ވަނީ ކޮވިޑް-19 ފެތުރެމުން ދަތީ އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތިގެންނެވެ. އިންތިޚާބު ބޭއްވެންދެން ކައުންސިލަރުންގެ ދައުރު ދިގު ދަންމާލާފައި ކައުންސިލް އިންތިޚާބު ނިމުމާއި ހަމައަށް އަމަލު ކުރަން ފާސްކޮށްފައިވާ ޤާނޫނުގައި ބަޔާންކުރާގޮތުން ޤާނޫނު ތަސްދީޤުކުރައްވާ ތާރީޚުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބާއްވަންޖެހެއެވެ. އެހެންކަމުން އަންނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    މީ މިރާއްޖޭގަ ހުރި އެންމެ ބޮޑު ބޯގޮވި ކަލޭގެ. ކާކުގެ ތާއީދެއްތަ ކަލޭއަށް އޮތީ. ގުއި ނުދެކޭ، ކާޅައް ގުއި ފެނިގެން ތިޔަ އުޅެނީ..

  2. އެމަންޖެ

    ކަލެޔައް މޮޅެއްވާނެ ކަމައް.