ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޖެހޭ 37 މީހަކު އަންނަ ހޯމަ ދުވަހު ބޭރަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ އިން ބޭރުން ބޭސްފަރުވާ ހޯދަން ދާން ޖެހޭ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ފޮނުވާލަން ނިންމި މީހުންނަކީ ކޮންމެހެން ރާއްޖެ އިން ބޭރަށް ސިއްހީ ފަރުވާ އަށް ދާން ޖެހޭ ބައެއް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ރާއްޖެ އިން ބޭރަށް ނުދެވިވާ މީހުންނާއި އެމީހުންގެ އެހީތެރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެއީ އެންމެ ފުރަތަމަ އެގޮތަށް ފާހަގަކުރެވުނު މީހުން ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ ސީރިއަސް ބަލިތަކަށް ފަރުވާ ކުރަން ޖެހޭ މީހުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

" މި މަސައްކަތް ކުރެވޭ އިރު އިންޑިއާ ވެސް ސްރީލަންކާ ވެސް އަދި އަޅުގަނޑުމެންނަށް ދަތުރުކުރެވޭ ގައުމުތަކުގެ ބޯޑަރުތައް ހުރީ ބަންދު ކުރެވިފަ. އެހެންވީމަ ބޯޑަރުތައް ބަންދުކޮށްފައިވާ ހާލަތުގައި އެ ގައުމުތަކަށް އެރުމަށް ފޮރިން މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތަކެއް ހުރޭ. ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށް ލިބުނު ލިސްޓާ އެކީގައި މަސައްކަތް ކުރެވި މިހާތަނަށް އައި އިރުގައި މި ދެންނެވި 25 ޕޭޝަންޓުންނާއި އެ ބޭފުޅުންގެ އެހީތެރިންގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅުންނާ އެކީ ޖުމްލަ 37 ބޭފުޅަކަށް ދަތުރު ކުރުމަށް ފުރަތަމަ ފްލައިޓްގައި ހަމަޖެހިފައި ވަނީ،" މަބްރޫކް ވިދާޅުވިއެވެ.

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ބޭނުންވާ އިތުރު 51 މީހުން އެބަ ތިބި ކަމަށާއި އެ މީހުން ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން އާސަންދަ އާއި ފޮރިން މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ހޯމަ ދުވަހު ބޭރަށް ގެންދާ މީހުންގެ ތެރޭގައި ކީމޯ ތެރަޕީ ދޭ މީހުންނާއި ސަޖަރީތައް ހަދަން ޖެހޭ މީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު