ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދެމުންދާ މީހުން މާލެގައި ހުންނަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަން ނިންމައިފިއެވެ.

ކޮވިޑްގެ ބަލި މީހުންނަށް ޚާއްސަކޮށްގެން ހިންގަމުންދިޔަ ޓްރީޓޮޕްގައި ތިބި ބަލި މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަން ނިންމާފައި ވަނީ، އެ ހޮސްޕިޓަލް އާންމު ހާލަތަކަށް ގެނައުމަށް ނިންމާފައިވާތީ އެވެ. މި ނިންމުމާއެކު ޓްރީޓޮޕްގައި ތިބި ކޮވިޑްގެ ބަލި މީހުންނަށް ކުރިޔަށްއޮތްތަނުގައި ފަރުވާދޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށެވެ.

ކޮވިޑްގެ ފަހުގެ މަޢުލޫމާތުތައް މީޑިއާތަކާއި ޙިއްސާކުރުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން، މަބްރޫކް އަޒީޒް ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުގައި މިވަގުތު ކޮވިޑަށް ފަރުވާދެމުން ދަނީ ތިން މީހަކަށް ކަމަށެވެ. މި ތިން މީހުންނަށްވެސް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ މި ތިން މީހުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރީން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރާނެ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލް އާންމު ހާލަތަކަށް ގެންގޮސް އަލުން ހުޅުވާލަން ނިންމާފައި ވަނީ ޖުލައި އެކެއްގައެވެ. ހޮސްޕިޓަލް ހުޅުވާލާނީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ޑީކޮންޓެމިނޭޓް ކޮށްފައެވެ.

ހަމައެކަނި ކޮވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީޓޮޕް ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅުއެވެ. އާންމު ހާލަތަކަށް ގެންގޮސް ޖުލައި މަހު މި ހޮސްޕިޓަލް ހުޅުވާލުމުން ކުރިއެކޭ އެއްގޮތަށް ހޮސްޕިޓަލުން ޚިދުމަތް ލިބެމުންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދަރުމަވަންތަ ހޮސްޕިތަލް އެޅީ ޔާމީން ސަރުކާރުން. އެހެރީ އެޅިހާ ފުލެޓް ރީކަމުން މިސަރުކާރަށް ބަދުބަސްބުނާނެތީ ދޭންކެރިގެނއެކަމާ ހިތްހަމަނުޖެހިގެން އުޅެފަ އެތަން ބޭނުންކުރަނީ މިސަރުކާރުން. މިސަރުކާރުން ގެނައި ތަރައްޤީއެއް ނެތް ބަޖެޓަކު ފައިސާއެއްނެތް ފައިސާ ޗާޕްކުރަނީ ހެސްކިޔާފަ އެކަމަކު ވައްކަމެއް ނުކުރެޔޯ. ލޯނުނަގަނީ އަދަދެއްބަލާފަ ނޫން މިވަރުންވެސް ވައްކަންކުރަނީ ޔާމީނޯ. މީއަޅެ އަރަތެއްނުން.