މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެއް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިފެށޭ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކު އަމަލުކުރަން ޖެހޭ އުސޫލުތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއޭ) އާންމުކޮށްފިއެވެ.

އެ އޮތޯރިޓީ އިން އާންމުކޮށްފައިވާ އުސޫލުތަކުގައި ބުނެފައި ވަނީ، ކޮންމެ ފަތުރުވެރިއަކު ވެސް ރާއްޖެއަށް އައުމުގެ ކުރިން އެމީހަކު ހުންނާނެ ތަނެއް އެންގުމަކީ މަޖުބޫރު ކަމެއް ކަމަށާއި، އަދި ރާއްޖެ އަންނަ އިރު 24 ގަޑިއިރު ހަމަވެފައި ނުވާ، އޮންލައިން ހެލްތު ޑިކްލަރޭޝަން ފޯމެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

ބޯޑަރު ހުޅުވާލުމާއި އެކު ދަތުރު ކުރަން ފަށާ އެއާލައިންތަކާއި ގުޅޭ އުސޫލުތަކުގައިވާ ގޮތުން ކޮންމެ ދަތުރެއްގެ ތެރޭގައ ފްލައިޓް ސޭފްޓީ ގައިޑްލައިންތައް ފަސިންޖަރުންނަށް ކިޔައިދޭއިރު ކޮވިޑް-19 އާއި އެބަލީގެ އަލާމަތްތައް ފަސިންޖަރުންނަށް ހަނދާންކޮށްދޭން ޖެހެއެވެ.

އަދި ބޯޓުގައި ތިބޭ އެންމެންވެސް ތިބެން ވާނީ މާސްކު އަޅައި އަނގަޔާއި ނޭފަތް ބަންދުކޮށްގެން ކަމަށާއި، އެހެން ނަަމަވެސް އުމުރުން ހަ އަހަރު ނުފުރޭ ކުޑަކުދިންނާއި ސިއްހީ ހަލަތު ހުންނަ ގޮތުން މާސްކު ބޭނުން ނުކުރެވޭ މީހުން އަދި، ބޯޓު ތެރޭގައި އެއްވެސް އެއްޗެއް ކާން އަދި ބޯން ޖެހޭ ހާލަތެއްގައި ބޯޓުގެ ކުރޫންގެ ހުއްދައާއި ލައިގެން މާސްކު ނެގޭނެ ކަމަށް އެއުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއަށް އަންނަ ފަތުރުވެރިން ފުރާ އިރުވެސް އެމީހުން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ދައްކުވައިދޭ ލިއުމެއް އޮންނަން ޖެހޭނެ ކަމަށް އެ އުސޫލުގައި ވަނީ ބަޔާނަކޮށްފައެވެ. ފުރުމުގެ ކުރިންވެސް 24 ގަޑިއިރު ހަމަނުވާ ހެލްތު ޑިކްލަރޭޝަން ފޯމެއް ފުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިބްރާހިމް

    ބޯޑަރު ހުޅުވަނީ ކޮންތާކުން ގެސްޓުން ގެންނަން؟ދުނިޔޭގެ ހާލަތު ދަނީ ދަށަށް އެއްވެސް އޮށްޓަރެއް ހުރި ބައެއް ނޫން މި ސަރުކާރުގަ ތިބީ ...އަހަރެމެން ބަލާނަން ކަރާ ވަހީދުގެ ސަބަބުން މުޅި ރާއްޖެއަށް ބަލި ފެތުރޭތަން .ދިވެހި ސިފައިން ވަރަށް ފާރަވެރިވެ ތިއްބަވާ ގައުމުގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް މި ބައިގަނޑުން ކުރަން އެ އުޅެނީ...ޢައިރު ގާނޫނީ ވެރިން ހައްޔަރު ކުރަން ޖެހޭ އަދި ގައުމު ހިންގޭ ވަރު ބަޔަކު އެކަމާ ހަވާލުވާން ޖެހޭ...

    2
    1