ޑަނީ ސެބާޔޮސް ފަހު ވަގުތު ކާމިޔާބުކުރި ގޯލުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް އާސެނަލް އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިއަދު ހަވީރު ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗް އާސެނަލް ކާމިޔާބުކުރީ 2-1 އިންނެވެ. މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް އާސެނަލް އިންނެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ގޯލް އާސެނަލް އަށް ޖަހައިދިނީ އައިވޮރީ ކޮސްޓްގެ ފޯވަޑް ނިކޮލަސް ޕެޕޭ އެވެ. ޕެޕޭ އޭނާގެ ޕެނަލްޓީ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ. މިއީ އޭރިއާ ތެރެއިން ފޯވަޑް އަލެކްސަންޑާ ލަކަޒަޓް އަށް ޝެފީލްޑް ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ އާސެނަލް އަށް ދިން ޕެނަލްޓީ އެކެވެ.

ޝެފީލްޑުން ނަތީޖާ އެއްވަރު ކުރީ 87 ވަނަ މިނެޓުގައި ޑޭވިޑް މެކްގޮލްޑްރިކް ޖެހި ގޯލުންނެވެ. އެ ނަތީޖާގައި އޮވެ މެޗް އެއްވަރުވާން ދަނިކޮށް އާސެނަލް މޮޅުކޮށްދިން ގޯލް ސެބާޔޮސް ކާމިޔާބުކުރީ މެޗްގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައެވެ.

އެފްއޭ ކަޕްގެ ސެމީ އަށް އާސެނަލް ދަތުރު ކުރިއިރު ރޭ ނޯވިޗް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ސެމީގެ ފަހު ދެ ޖާގަ ލިބޭނީ ކުއާޓާގެ ފަހު ދެ މެޗްގައި މިރޭ ލެސްޓާ ސިޓީ އަދި ޗެލްސީ ވާދަކުރާ މެޗާ ނިއުކާސަލް އަދި މެންޗެސްޓާ ސިޓީ ވާދަކުރާ މެޗުން މޮޅުވާ ދެ ޓީމަކަށެވެ.