ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ އޮފީހަށް ބައިސްކަލުގައިދާ ދުވަސް ނުވަތަ "ބައިކް ޓު ވޯކް ޑޭ" ބައިކް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ފާހަގަކޮށްފި އެވެ.

އިއްޔެ ހަވީރު ދިރާގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައިކް މޯލްޑިވްސްގެ ފައުންޑާ އަހުމަދު ހަސަން ދީދީ ވިދާޅުވީ "ބައިކް ޑޭ" އަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހެއް ކަމަށާއި އެގޮތުން ރާއްޖޭގައި ވެސް އެކަން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އަދި މަގުތަކަކީ ރައްކާތެރިތަނަކަށް ހެދުމަށްޓަކައި ބައިސްކަލަކީ މިހާރު ދުއްވާއެއްޗެއްގެ ގޮތުގައި ބޭނުންކުރާ އެއް ވަސީލަތް ކަމަށާއި ބައިސްކަލު ދުއްވުމަށް ވެފައިވާ އެންމެ ބޮޑު ދައްޗަކީ ބައިސްކަލު ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނެގޮތް ނެތުންމާއި ޕާކު ކުރުމަށް އުނދަގޫވުން ކަމަށެވެ. އެގޮތުން ބައިސްކަލުގައި ދިރާގަށް އަންނަ މުވައްޒަފުންނަށް ބުރާސްފަތި ދުވަހުން ފެށިގެން ޕާކުކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް އަހުމަދު ހަސަން ދީދީ ވިދާޅުވިއެވެ.

"އެންމެ ބޮޑު އުނދަގުލަކީ ބައިސްކަލުގެ ރައްކާތެރި ކަމާއިއެކު ބެލެހެއްޓޭނެގޮތް ނެތުމާއިއެކު ބައިސްކަލުގައި ދަތުރުކުރުމުގައި ތަންތަނަށްގޮސް ޕާކުކުރުމުގައި އެދިމާވާ ދަތިތައް. ބައިސްކަލަކީވެސް ވަރަށް އަގުބޮޑު އެއްޗެއް، އެހެންކަމުން ބައިސްކަލު ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނެގޮތް ތަކެއް ނެތުމުން ދުއްވަން ދަތިދަތެއް ދިމާވޭ." ބައިކް މޯލްޑިވްސްގެ ފައުންޑަރ ވިދާޅުވިއެވެ.

ދިރާގުގެ މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ބައިކް މޯލްޑިވްސްގެ އިވެންޓްތައް ކުރިއަށްދާއިރު 3 އަހަރުގެ ތެރޭގައި ވަރަށް ބޮޑު ނަތީޖާއެއް ނިކުމެއްޖެ ކަމަށެވެ. އެގޮތުން ބައިކް މޯލްޑިވްސްގެ ސަބަބުން ގިނަ ބަޔަކު ބައިސްކަލު ދުއްވަން ފަށާފައިވާ ކަމަށާއި ދިރާގުން ދެވެންއޮތް ހުރިހާ އެއްބާރުލުމެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އިއްޔެ އަކީ ބައިނަލްއަގްވާމީ ތެލެސީމިޔާ ދުވަސް ކަމަށްވާއިރު ތެލެސީމިޔާ ސޮސައިޓީއާއި ގުޅިގެން ބައިކް އިވެންޓެއް ހޮނިހިރުދުވަހު ދުވަހުގެ ހެނދުނު ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ކުރިންވެސް ތެލަސީމިޔާ ސޮސައިޓީއާއި ގުޅިގެން އެވެންޓުތައް ކުރިއަށް ގެންދާނެ ކަމަށް އަހުމަދު ހަސަން ދީދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ބައިސްކަލުގައި އޮފީހަށް ގޮސްފައި ގެއަށް އާދޭ ސައިކަލުގައި. ދެން އަންނަ އަހަރު ބައިސްކަލުގައި އޮފީހަށް ދިއުމުގެ ދުވަސް ނާންނަނީސް ސައކަލުން ނުފައިބާތި.