މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި ބަޔަކު ނެގި ފައިސާ، ރައްޔިތުން މަޖިލީހުގެ މެންބަރު އަހްމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް) ގެ ދެކުންފުނި ކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓް އިން ލޯންޑަރ ކުރި ކަމަށް ތުހުމަތުކޮށް، އެދެކުންފުންޏަށް ދައުވާ ކުރުމުން ދެކުންފުނިން ވެސް ތުހުމަތުތައް ދޮގުކޮށްފިއެވެ.

ސިޔާމްގެ ދެކުންފުނިން ވަކިވަކިން ނެރުނު ދެބަޔާނުގައި ބުނީ ޕްރޮސެކިއުޓަރ ޖެނެރަލް އިޝާރާތް ކޮށްފައިވާ ހާދިސާގައި އެއްވެސް ބަޔަކު ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި ބަދަލުކުރިކަމެއް އެކުންފުނިތަކަށް އެނގިފައެއް ނުވެއެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި އެއިން ކުންފުންޏެއް ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ބަޔާނުގައި ވަނީ ދީފައެވެ.

"މަނީ ލޯންޑްރިންގެ ކުށެއް ކުރިކަމަށް ބުނެ މިކުންފުނީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރަމެވެ. މިކުންފުނީގެ އެންމެހާ މުޢާމަލާތްތައް އަބަދުވެސް ހިންގަނީ ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން، ޤާނޫނުތަކާ ޤަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން އޭގެ ޞައްޙަކަން ކަށަވަރުކުރެވިގެން ނޫނީ ބޮޑެތި ފައިސާގެ ޢަދަދުތައް ހިމެނޭ މުޢާމަލާތެއް ކުރުމަކީ އަޅުގަނޑުމެން އަމަލުކުރަމުންދާ ގޮތެއް ނޫނެވެ." ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ އެކުންފުނިތަކަކީ ޖިނާއީ ކުށެއްގައި ޝާމިލުވެ އުޅެފައިވާ ފަރާތެއް ނޫންކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤު ހިނގަމުންދާތާ އެތައް އަހަރެއްފަހުން، މައްސަލާގައި ބައިވެރިވިކަމަށް މުޖުތަމަޢުގެ އެންމެން ދަންނަ ފަރާތްތައް ދޫކޮށް، އެދެކުންފުންޏާއި ދިމާއަށް ތަޙްޤީޤުގެ އަމާޒުހިފާފައިވުމަކީ ބޮޑު ޚިޔާނާތް ތަޙްޤީޤުކުރުމުގެ މިސްރާބު ކަސިޔާރުވެފައިވާކަން ދައްކައިދޭ ކަމެއްކަމުގައި ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"މިކުންފުނީގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ހެއްކެއް ތަޙްޤީޤަށް ހޯދިފައިނުވާނެކަމާއި، އެފަދަ ހެއްކެއް ޝަރީޢަތަށް ހުށަނޭޅޭނެކަމީ އަޅުގަނޑުމެންނަށް ޝައްކު ހިނގާކަމެއް ނޫނެވެ." ބަޔާނުގައި އިތުރަށް ބުންޏެވެ.

އަދި ދިވެހިރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤުތަކާއި ދަޢުވާތައް، ކުށުގެ އަސްލު މޭސްތިރިންނާއި ކުށުން މަންފާހޯދި ފަރާތްތަކުގެ ކިބައިން މާ ބޮޑުތަނުން ދުރަށް ފުރޮޅާލެވިގެންދާކަމީ އިންތިހާއަށް ހިތާމަކުރާކަމެއްކަމުގައި ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތާކިހާ

    ބޮޑު ޚިޔާނާތް ތަޙްޤީޤުކުރުމުގެ މިސްރާބު ކަސިޔާރުވެފައިވާކަމޭ ، ދެކަނޭ ތިންކަނޭ ވިދާޅުނުވޭ އިއަދު. ސިޔާމު ގެ މައްލަހަތުހުރި ކުންފުނިތަކުން މިއަދު ކޮސްގޮވީމަ ވަރަށް ހިނި އާދޭ. އިނގޭތޯ ރިޔާސީ އިންތިޚާބުގައި ރައީސްޔާމީނު ދޫކުރައްވާފައި ވަޑައިގަތީ ފޮނި މާމުއި ބޯންތޯ މިއަދު އަޅުގަނޑުގެ ސުވާލަކީ. ކަރުގައި ހިތިރަހަ ނުލުން އަޅުގެ ދުޢާ އަކީ. އެހެންނަމަވެސް ބޭވަފާތެރި ނުވާނަމަ އިނގޭތޯ. ވާހަކައަކީ

    11
    1
  2. މޮޔަބެ

    ބަލަ މަޖްލިސްތެރޭ ރައްޔިތުންނަށް އިވޭފަދައިން މިފަދަ ބޮޑް ތުހުމަތެއް ޖާބިރު ރ ސޯލިހަށް ކުރި ނުންތޯ...ތަހުގީގެއް ކުރެވިއްޖެތޯ.. ރ.ނަޝީދުގެ 444ރ ތަހުގީގު ކޮބާތޯ... ޕީޖީ އަކީ ސިޔާސީ ގޮޑި ކޮއްކޮއެއްތޯ....ނިކަން ފިރިހެންބަލަ އަދި އިންސާފޭ ކިޔާ ކެންގްރޫ ވައްތަރަށް އަދިލާއި އިންސާފު ނަހަދާބަލަ....

    17
    1
  3. ބޯހަލާކު

    ޝިޔާމް މިހާރު ތިރާކަނިމަސްތިކެވެނީ އަދިވެސް ލާދީނީ ބައިގަނޑު ފަހަތުންދުވާތި...ޔާމީންއަށް ލަނޑުދީފަ ފައިދާތަކެއްވެއްޖެއެއްނު..!؟

    23
    1