ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅިކަމުގެ ދަޢުވާގައި، މިއަދު ބޭއްވި އިބުތިދާއީ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ފަނޑިޔާރު ޢަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅިކަމުގެ ދަޢުވާ އުފުލާފައިވަނީ، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހްޤީގަށް ބޭނުންވާ ހެކި ހުރިކަމަށް ތުހުމަތު ކުރެވިގެން ތިން ބޭފުޅުންގެ ފޯނު ފުލުހުންނަށް ދެއްކުމަށް އެދުމުން އެކަމަށް އިންކާރު ކޮށްފައިވާތީއެވެ.

މި ދައުވާ ފަނޑިޔާރު ޢަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި މައުމޫން އަބްދުލް ޤައްޔޫމުގެ މައްޗަށް އުފުލާފައިވީ ނަމަވެސް ބަލި ހާލަތުހުރި ގޮތުން މިއަދުގެ އަޑުއެހުމަށް މައުމޫން ހާޒިރު ކުރެވިފައެއްފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ މަޤްބޫލު އުޒުރެއް މެދުވެރިވެގެން މިއަދުގެ ޝަރީއަތަށް މައުމޫން ހާޒިރު ކޮށްދެވެން ނެތް ކަމަށް ކަމާބެހޭ އިދާރާއިން ކޯޓަށް އަންގާފައިވާ ކަމަށެވެ.

މި މައްސަލައިގެ ދެވަނަ އިބްތިދާއީ އަޑުއެހުން މިއަދު ކުރިއަށް ގެންދިޔައިރު، އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ 11 ހުށަހެޅުމެއް އަދި ދައުލަތުގެ ފަރާތުން ދެ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދުގެ ފަރާތުން ހުށަހެޅި ހުރިހާ ހުށަހެޅުމެއް ބަލައި ނުގަންނަން ގާޒީ ހަސަން ނަޖީބު ވަނީ މިއަދުގެ އަޑުއެހުމުގައި ނިންމަވާފައެވެ.

ނަމަވެސް، ދައުލަތުގެ ފަރާތުން ހުށަހެޅި ދެ ހުށަހެޅުންވެސް ބަލައިގަނެ ހުށަހެޅުންތަކާ މެދު ޝަރީއަތުން ވަނީ ގޮތްތަކެއް ކަނޑައަޅާފައެވެ. އެގޮތުން ދައުލަތުން ފުރަތަމަ ކަމަކަށް އެދިލެއްވީ، ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކި 1، 2، 3 އަދި ސިއްރު ހެކި 4 ހާމަވެއްޖެނަމަ، ވަކި ކަމަކަށް މަޖުބޫރުކޮށް، ޖިސްމާނީ އަނިޔާއެއް ދީފާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެކަމުގެ ބިރު އޮތުމާއެކު އެ ފަރާތްތަކުގެ ހެކިބަސް ކާކުކަން ނޭނގޭ ގޮތަށް، އަޑު ބަދަލު ކޮށްގެން، އެހެން މާލަމެއްގައި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ނަގައި ދިނުމަށެވެ. ދައުލަތުގެ މި ހުށަހެޅުމާ މެދު ގާޒީ ނިންމެވީ، ދައުލަތުން އެދިލެއްވި ގޮތަށް ސިއްރުން ހެކިބަސް ނެގުމަށް ކަނޑައަޅުއްވާ ކަމަށެވެ.

ދައުލަތުން ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް ދައުލަތުން ހުށަހެޅި ސިއްރު ހެކި 1، 2، 3 އަދި ސިއްރު ހެކި 4 ރައްކާތެރިކޮށްދިނުމަށެވެ. މި ހުށަހެޅުމާމެދުވެސް ގޮތެއް ނިންމަވަމުން ގާޒީ ހަސަން ނަޖީބު ވަނީ ދައުލަތުން އެދިލެއްވި ގޮތަށް ބަޔާން ކުރެވުނު ހެކިތައް ރައްކާތެރި ކޮށްދިނުމުގެ ދާޢިމީ އަމުރެއް ނެރެދެއްވާފައެވެ.

މިއަދުގެ އިބްތިދާއީ އަޑު އެހުމުގައި ދައުލަތާއި ދިފާއަށްވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު ގާޒީ ދެއްވީ ލިޔުމުން ހުށަހަޅާފައިވާ ހުށަހެޅުން އަކުރުން އަކުރަށް އެއްވެސް ތަފާތެއް ނެތި ހުށަހެޅުމަށެވެ. އެ ނިންމުމާ މެދު އުއްތަމަ ފަނޑިޔާރުގެ ވަކީލުން ހިތްހަމަ ޖެވިވަޑައިނުގަތް އިޖުރާއީ ނުގުތާ ނަންގަވައި އެކަން ފާހަގަ ކުރެއްވުމުން ގާޒީ ވިދާޅުވީ އެގޮތަށް ޢަމަލު ކުރެއްވީ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދުގެ ފަރާތްޕުޅުން ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ހުށަހެޅުންތައް އަކުރުން އަކުރަށް ޝަރީއަތުގައި ނީއްވައި ލިޔުމުން ހުށަހެޅި ހުށަހެޅުމަށް ބައްލައިގެން ކުރިއަށް ގެންދިއުމަށް އެދިލެއްވިއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ދެ ހުށަހެޅުމުގެ ރައްދު ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމުގައި އެ ފުރުޞަތު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޢަލީ ހަމީދަށް ދިނުމަށް ދައުލަތުގެ ވަކީލުން ދެކޮޅު ހައްދަވާފައިވާތީ، ޝަރީއަތުން ދީފައެއް ނުވެއެވެ.

ފަނޑިޔާރު ޢަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް:

ޖިނާޢީ އިޖުރާއަތްތަކުގެ ޤާނޫނުގެ 117 ވަނަ މާއްދާއާއި ހަވާލާދީ ފަނޑިޔާރު ޢަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ ޢަބްދުﷲ ސަޢީދުގެ ފަރާތުން ޝަރީއަތުގެ ކުރިން ޖުމްލަ 11 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. މި ގެނެސްދެނީ މި ހުށަހެޅުންތަކަށް ދައުލަތުން ދެއްވި ރައްދާއި ޤާޒީ ނިންމެވި ގޮތެވެ.

1. ދިފާއުގެ ފުރަތަމަ ހުށަހެޅުން: މައްސަލައިގެ އިބްތިދާއީ މަރުހަލާގައި މި ދައުވާއަކީ 2018 ފެބުރުވަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކޮށްފައިވާ ދައުވާއެއްކަމަށް ދައުލަތުން ބުނެފައިވާތީއާއި، އެ އަމުރާ ގުޅޭ ހެކިތަކެއް ނައްތާލަން އުޅުނުކަމަށް ދައުލަތުން ބުނާއިރު، މަތީ ކޯޓެއްގެ ނިންމުމަކާ ގުޅޭ އެއްވެސް މައްސަލައެއް ދަށު ކޯޓަކަށް ނުބެލޭނެ. އެހެންކަމުން މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޚުއްވައި ދެއްވުމަށް އެދުނު.

ދައުލަތުގެ ރައްދު: މި ދައުވާއަކީ ސީދާ ސްޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އުފުލާފައިވާ ދައުވާއެއް ނޫން. މި މައްސަލައަކީ އެ އަމުރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހްޤީގުގައި ފުލުހުންނަށް އެއްބާރުލުން ނުދީ ފޯނު ދެއްކުމަށް އުޒުރުވެރިވެފައިވާތީ އުފުލާފައިވާ ދައުވާއެއްކަމުން މި މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދުނު.

ޝަރީއަތުގެ ނިންމުން: މި ދައުވާއަކީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކުރެވުނު ތަހްޤީގަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއްކަމުން މި މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ކަނޑައެޅުއްވި.

2. ދިފާއުގެ ދެވަނަ ހުށަހެޅުން: މި މައްސަލައިގައި ހެކި ނައްތާލި ކަމަށް ބުނާ ކޯޓުގެ ނިންމުމަކީ ހިންގާފައިވާ ޖިނާއީ ކުށެއްތޯ ބަހުސް ކުރަންޖެހޭނެ ކަމަކަށް ވާތީވެ، ކޯޓުތަކުން ޢަމަލުކުރާ އާއްމު އުޞޫލާ ޚިލާފު ވާތީވެ މި މައްސަލަ ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދެއްވުމަށް އެދުނު.

ދައުލަތުގެ ރައްދު: މި މައްސަލައަކީ ތުހުމަތު ކުރެވުނު ތިން ބޭފުޅުންގެ ފޯނުގައި މި މައްސަލައާއި ގުޅޭ ހެކި ހުރިކަމުގެ މަޢުލޫމާތު ލިބިފައިވާތީ ފޯނު ނުދީ ފޮރުވާފައިވާ މައްސަލައެއް. އެހެންކަމުން ދިފާއުން ވިދާޅުވާފަދަ ހާލަތެއް އޮތް ކަމަށް ނުދެކެން.

ޝަރީއަތުގެ ނިންމުން: ކްރިމިނަލް ކޯޓުން ޢަމަލު ކޮށްފައިވަނީ އެ ކޯޓުން އަމަލުކުރަމުންދާ ޢާއްމު އުޞޫލާ އެއްގޮތަށް. އަދި ސްޕްރީމް ކޯޓުގެ އަމުރާ ގުޅޭ އެއްވެސް ދާއިރާއަކުން ވާހަކަ ދައްކަން ނުޖެހޭނެ. އެހެންކަމުން މި މައްސަލަ ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދެވެން ނެތްކަމަށް ނިންމެވި.

3. ދިފާއުގެ ތިންވަނަ ހުށަހެޅުން: މި މައްސަލައަކީ ކުށުގެ އުންސުރުތައް ފުރިހަމަ ވެފައިނުވާ މައްސަލައަކަށްވާތީ، މި މައްސަލަ ޤާނޫނު އަސާސީއާއި ޚިލާފު ކަމަށް ކަނޑައަޅައި މައްސަލަ ބޭރު ކޮށްދިނުމަށް އެދުނު.

ދައުލަތުގެ ރައްދު: ދައުވާ ހިލާފުވަނީ ޤާނޫނު އަސާސީގެ ކޮން މާއްދާއަކާ ކަން ސާފުކޮށް އެނގެން ނެތުމުން، އެކަން ދިފާއުން ސާފުކޮށް ދިނުމުން ޖަވާބު އަރުވާނެކަމަށް ވިދާޅުވި.
ޝަރީއަތުގެ ނިންމުން: ދައުވާ ކުރެވިފައިވަނީ ޤާނޫނު އަސާސީގެ ކޮން މާއްދާއަކާ ޚީލާފަށްކަން އެނގެން ނެތުމުން، ދައުވާއަކީ ޤާނޫނު އަސާސީއާއި އެއްގޮތަށް އުފުލާފައިވާ ދައުވާއެއްކަމަށް ކަނޑައެޅުއްވި.

4. ދިފާއުގެ ހަތަރުވަނަ ހުށަހެޅުން: ދައުވާ ފޯމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ފިޔަވައި އެހެން ފަރާތަކުން ސޮއި ކޮށްފައިވާއިރު، ސޮއި ކުރި ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު ސޮއި ކޮށްފައިވާ ފަރާތެއްކަން ބަޔާންކޮށް ދައުވާއާއެކު ލިޔުމުން ހުށަހަޅާފައި ނެތުމުން ދައުވާ ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދުނު.

ދައުލަތުގެ ރައްދު: ދައުވާ ފޯމުތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ސޮއި ކުރާނެ ފަރާތްތައް ބަޔާންކޮށް އެ އޮފީހުން 2017 ޖުލައި 2 ވަނަ ދުވަހު ކޯޓަށް ސަރކިއުލަރ އަކުން އަންގާފައިވާތީ، ދައުވާއަކީ ޞައްޙަ ދައުވާއެއްކަމަށް ކަނޑައަޅައިދިނުމަށް އެދުނު.

ޝަރީއަތުގެ ނިންމުން: ދައުވާ ފޯމުތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ސޮއި ކުރާނެ ފަރާތްތައް ބަޔާންކޮށް އެ އޮފީހުނކްރިމިނަލް ކޯޓަށް ސަރކިއުލަރ އަކުން އަންގާފައިވާތީ، ދައުވާއަކީ ޞައްޙަ ދައުވާއެއްކަމަށް ކަނޑައެޅުއްވި.

5. ދިފާއުގެ ފަސްވަނަ ހުށަހެޅުން: ދައުވާއަށް ޤާނޫނުގައި ނަން ދީފައިވާގޮތާ ހިލާފަށް ޤާނޫނުގެ އަރިމަތީ ސުރުހީން ނަން ދީގެން ދައުވާ ކޮށްފައިވުމުން، މި ދައުވާ ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދުނު.

ދައުލަތުގެ ރައްދު: ޝުރުހީގައި ބަޔާން ކޮށްފައިވާ ނަމުން ނަން ދީފައިވީ ނަމަވެސް އެއީ ކުށެއް ނޫންކަމަށް ދައުލަތުން ދެކޭކަމަށް ދައުލަތުން ވިދާޅުވި.

ޝަރީއަތުގެ ނިންމުން: ޤާނޫނުލް އުޤޫބާތުގެ 530 ވަނަ ބާބުގައ ބަޔާންކޮށްފައިވާ ހުރިހާ ކުށަކީ "ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ" ކުށުގެ ގޮތުގައި ނަން ދެވިދާނެކަމަށް ނިންމެވި.

6. ދިފާއުގެ ހަވަނަ ހުށަހެޅުން: ފޯނުގައި ހެކި ހުރިކަން ސީދާ ނޭނގޭއިރު، ފޯނަކީ ހެއްކެއް ކަމަށް ނުވާނެކަމަށާއި، ހެއްކެއްގެ ގޮތުގައި ފޯނު ބަލައި ނުގަތުމަށް އެދުނު.

ދައުލަތުގެ ރައްދު: ހެކި ހުށަހެޅުމުގެ އުޞޫލާ ހިލާފު ކަމަށް ނުދެކޭކަމަށް ވިދާޅުވި.

ޝަރީއަތުގެ ނިންމުން: ދައުވާގައި ދައުވާ ލިބޭ ފަރާތާއި، ތަނާއި ގަޑި އެނގެން އޮންނާނެތީވެ، ފޯނަކީވެސް ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ކަނޑައަޅައެޅުއްވި.

7. ދިފާއުގެ ހަތްވަނަ ހުށަހެޅުން: މި މައްސަލައަކީ ޤާނޫނުލް އުޤޫބާތުގެ 28 ވަނަ މާއްދާގެ ދަށުން ކޯޓުން ނުބަލާ ދޫކޮށްލަންޖެހޭ ބާވަތުގެ މައްސަލައެއްކަމުން މި މައްސަލަ ނުބެލުމަށް ނިނަމަވައިދެއްވުމަށް އެދުނު.

ދައުލަތުގެ ރައްދު: މި މައްސަލަ ނުބަލާ ކޯޓުން ދޫކޮށްލަންޖެހެނީ ކޮން ސަބަބަކާ ހުރެކަން ސާފުކޮށް ބަޔާން ކޮށްފައި ނެތުމުން، އެކަން ދިފާއުން ސާފުކޮށްދިނުމުން ޖަވާބު ދެއްވާނެކަމަށް ވިދާޅުވި.

ޝަރީއަތުގެ ނިންމުން: ޤާނޫނުލް އުޤޫބާތުގެ 28 ވަނަ މާއްދާގެ ދަށުން މި މައްސަލަ ކޯޓުން ނުބަލާ ދޫކޮށްލަންޖެހެނީ ކޮން ސަބަބަކާ ހުރެކަން ސާފުކޮށްދެވިފައި ނުވާތީވެ، މި މައްސަލައަކީ ބަލަންޖެހޭ މައްސަލައެއްކަމަށް ކަނޑައެޅުއްވި.

8. ދިފާއުގެ އަށްވަނަ ހުށަހެޅުން: މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ "ސިއްރު ހެކި 1" ހުށަހަޅާފައިވަނީ ދައުލަތުން މި ދައުވާ ކުރާ ސަބަބުތަކުގެ ބޭރުން ކަމަށްވާތީ، އެ ހެކި ބަލައި ނުގަތުމަށް ނިންމައިދެއްވުން އެދުނު.

ދައުލަތުގެ ރައްދު: ދިފާއުން ބުނާ ސިއްރު ހެކި ހުށަހަޅާފައިވަނީ ސްޕްރީމް ކޯޓުގެ ތެރޭގައި ފަނޑިޔާރުން ފޯނު ގެންގުޅުން މަނާ ތަނެއް ނޯންނަކަން ސާބިތު ކޮށްދިނުމަށް. މި ސަބަބު ދައުވާއައި ގުޅޭ. އެހެންކަމުން ހެކި ބަލައިގަތުމަށް އެދުނު.

ޝަރީއަތުގެ ނިންމުން: "ސިއްރު ހެކި 1" ހުށަހެޅިފައިވަނީ ސްޕްރީމް ކޯޓަކީ މޮބައިލް ފޯނު ގެންގުޅުން މަނާ ތަނެއް ނޫންކަން ސާބިތު ކޮށްދިނުމަށްކަމުން، އެ ހެކި ބަލައިގަންނަން ނިންމެވި.

9. ދިފާއުގެ ނުވަވަނަ ހުށަހެޅުން: ފޯނަކީ މާއްދީ ހެއްކެއްކަން ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން، ޖަދުވަލު 2 ގައި ދައުލަތުން ބަޔާންކޮށްފައިވާ ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް އެދުނު.

ދައުލަތުގެ ރައްދު: ފޯނުގައި ހެކި ކަމަށް ބެލެވޭ އެއްޗެހިތަކެއް ހުރުމުން ފޯނަކީ މާއްދީ ހެއްކެއްގެ ގޮތުގައި ބެލެވޭނެ. އެހެންކަމުން ހެކިތައް ބަލައި ގަތުމަށް ނިންމަވައިދެއްވުން އެދުނު.

ޝަރީއަތުގެ ނިންމުން: މޮބައިލް ފޯނުގައި ހެކި ހުރިކަމަށް ބެލެވޭއިރު، ޖަދުވަލު 2 ގައިވާ ހެކިތައް ބަލައި ނުގަންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމެވި.

10. ދިފާއުގެ ދިހަވަނަ ހުށަހެޅުން: ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ބަޔާންތަކުން ނަން ކެނޑުމަށްފަހު ދިފާއަށް ފޯރުކޮށްދިނުމަށް އެދުނު.

ދައުލަތުގެ ރައްދު: ހެކީގެ ގޮތުގައި ޝަރީއަތުން ބަލައިގަންނަނީ ހެކިންގެ ހެކިބަސް ކަމުން، އެ ފަރާތަތަކުގެ ތަހްޤީގް ބަޔާންތައް ދިފާއަށް ފޯރުކޮށް ނުދިނުމަކީ ދިފާއުވުމުގެ ފުރުޞަތު ގެއްލިގެން ދިއުމެއް ނޫން. ހެކި ސިއްރު ކުރުމުގެ އަމުރާ އެއްގޮތަށް އެ ބަޔާންތައް ދިފާއަށް ފޯރުކޮށް ނުދިނުމަށް އެދުނު.

ޝަރީއަތުގެ ނިންމުން: ދައުވާ ފޯމުގެ ޖަދުވަލު 2-5 ހިނެނިފައިވާ ހެކިތައް ރައްކާތެރި ކުރުމަށް ނެރެފައިވާ އަމުރާ ހިލާފަށް އެ ބަޔާންތައް ފޯރުކޮށްދެވެން ނެތްކަމަށް ނިންމެވި.

11. ދިފާއުގެ އެގާރަވަނަ ހުށަހެޅުން: ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލައިގެ ތަހްޤީގަށް ލިބިފައިވާ ހުރިހާ މަޢުލޫމާތާއި، އޯޑިއޯ އަދި ވީޑިއޯ ފުރިހަމައަށް ދިފާއަށް ފޯރުކޮށް ދިނުމަށް މުއްދަތެއް ކަނޑައަޅައިދިނުމަށް އެދުނު.

ދައުލަތުގެ ރައްދު: ދިފާއަށް ފޯރުކޮށްދޭންޖެހޭ ތަކެތި ޝަރީއަތް މެދުވެރިކޮށް ފޯރުކޮށްދެވިފައިވާތީ އެފަދަ އަމުރެއް ނެރެދޭން ނުޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދުނު.

ޝަރީއަތުގެ ނިންމުން: ޝަރީއަތުން ބެލި ބެލުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ދިފާއަށް ލިބެންޖެހޭ ހުރިހާ ލިޔުމާއި ތަކެތި ފޯރުކޮށްދެވިފައިވާކަމަށް ނިންމެވި.

އުއްތަމަ ފަނޑިޔާރުގެ ޢަބްދުﷲ ސަޢީދާއި ސްޕްރީމް ފަނޑިޔާރު ޢަލީ ހަމީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުރިހާ ހުށަހެޅުމަކަށް ވަކި ވަކިން ބަލައި ނުގަންނަކަން އިއުލާން ކުރެއްވުމަށްފަހު ގާޒީ ނިންމެވީ، މި މައްސަލަ މަޢުލޫއީ ގޮތެއްގައި ބަލައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވިދާނެކަމަށެވެ.

މި މައްސަލައިގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ނުލައި، އިބްތިދާއީ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާއިރު، މި މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިންމައި ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ 2018 މެއި 14 ވާ ހޯމަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުއްްޅަަބޭ

    ހުރިހާ ގާޒީންގެ އައްޕަގެ އަޑުއަހާނެ ޢާޒީއެއްވެސް މިއަދުނުވި.

  2. ގޮޓޯމޮޓޯ

    ދެންކޮންއަދުލެއްތޯ އިންސާފުވާނީ ؟

  3. އިމްދާދު

    ގިޔާމަތް ދުވަހަކީ ކަށަވަރުންވެސް އަންނާނެ ދުވަހެއް. އެދުވަހުން އިންޞާފްލިބޭނެ

  4. ބޮކަރ

    މިއީ އަޖައިބެއްކަހަލަ ޖުޑިޝަރީއެއް އޮންނަ ތަނެކެވެ. ހަގީގަތަކީ އިންސާނާއަކީ އޭނާގެ ތަބީއަތުގައި ކުށްވެރިއެއް ނޫންކަމެވެ. ނަމަވެސް ހެކިންގެ ހެކިބަހުންނާއި އަމިއްލަ އިއުތިރާފުން އޭނާގެ މައްޗަށް ކުށެއް ސާބިތުވެއްޖެނަމަ ކުށްވެރިއެއްކަމަށް ބެލެވިދާނެއެވެ. ހަމައެގޮތަށް ކުށުން ބަރީއަވުމުގެ ހައްގުވެސް އެއިންސާނާއަށް ލިބިދީފައިވެއެވެ. މިގައުމުގައި ކަންތައް މިވާގޮތަކީ މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުނީމާ އެމީހާއަށް އެކުށުން ސަލާމަތްވާނެ މަގެއް އޮތިއްޔާމު ބަންދުކޮށް، ދައުލަތުން އޭނާއަކީ ކުށްވެރިއެއްކަން ސާބިތުކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ހެކިތައް ނެރޭތަނެވެ. މިއީ ހިތާމަހުރި ކަންތައްތަކެވެ. ފަނޑިޔާރުން ވާންޖެހޭނީ ޒާތީ ތައައްސުބުން އެއްކިބާވެފައިވާ އިންސާފުވެރި މިނިވަން ބަޔަކަށެވެ.

  5. ބޮކަރ

    "ސިއްރުން ހެކިބަސްދިނުން" ރަމްޒުކޮށްދެނީ އެތަނެއްގައި އަދުލު އިންސާފު ނެތްކަމެވެ. އަދުލަށް ހުކުމް ކުރެވޭނަމަ ފާޅުގައި ހެކިބަސްދޭނެ ކިތަންމެ ބަޔަކު ވާނެއެވެ.

    • މީދޫ ހަަައްމައި

      ބަލަ ގަމާރާ ބައެއް ކުއްތަކުގަ ސިއްރުން ހެކިބަސް ދެނީ ހެކި ދޭމީހާގެ ރައްކަލަކައް. އެހެން ނޫނީ ލާރި ދީފަ މަރަން ދުވާނީ/