ހއ. ކެލާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީސީ އިން ފަށައިފިއެވެ.

ކެލާގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން 30 ވަނަ ދުވަހުއެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުއެވެ.

މި މަޝްރޫއަށް 17.4 މިލިއަން ރުފިޔާ ހަރަދުވާ އިރު، މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ 410 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، މޫރިންގް ބޮއި އިންސްޓޯލްކުރުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި ބަނދަރުގެ ދެވަނަ ފިޔަވަށްސަށް ބޭނުންވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް އެ ވެސް އެ ކުންފުނިން ވިދާޅުވިއެވެ.

ކެލާ ބަނދަރުގައި 30 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި 220 މީޓަރުގެ ރިވެޓްމަންޓް ޖަހައި 50 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓް މަގު ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.