ގދ. އަތޮޅުގައި ތަރައްގީކޮށްފައިވާ މާވަރުލު އެއަރޕޯޓުގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ފަށާއިރު، މޯލްޑިވިއަން އިން އެ އެއާޕޯޓަށް ދަތުރު ފަށާނެ ކަން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް މިއަދު މޯލްޑިވިއަން އިން ބުނީ، މާވަރުލު އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ ފެށޭ އަގަަކީ 827 ރުފިޔާ ކަމަށެވެ.

މާވަރުލު އެއާޕޯޓުގައި ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ކުރިން ހަމަޖެހިފައި އޮތީ، މިދިޔަ މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މަސައްކަތްތައް ވަނީ މަޑުޖައްސާލާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޖުލައި އެއް ވަނަ ދުވަހު އެ އެއާޕޯޓަށް ދަތުރު ފަށާނެ ކަން އިއުލާނު ކޮށްފައެވެ.

މާވަރުލު އެއާޕޯޓަކީ ވެސް އެހެން ޑޮމެސްޓިކް އެއާޕޯޓްތަކެކޭ އެއްގޮތައް 1200 މީޓަރުގެ ރަންވޭ އަކާއި އެކު ތަރައްޤީ ކޮށްފައިވާ އެއާޕޯޓެކެވެ.

މާވަރުލު އެއާޕޯޓާއެކު ހުވަނދު އަތޮޅުގައި މިހާރު ތިން އެއާޕޯޓް އޮންނާނެއެވެ.