ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި އިތުރު ދެ ދައުވާއަކީ އެއްވެސް އަސްލެއް، ހަގީގަތެއް ނެތް ސިޔާސީ ދައުވާތަކެއް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާއި ޕީއެންސީން އިން މިއަދު ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ގޮތަކަށް ޔާމީންގެ މައްޗަށް ދައުވާ އުފުލީ ގައުމު ހިންގަން ތިބި ބައެއްގެ ނާގާބިލްކަމުން ގައުމުގެ އިގްތިސާދު ހަލާކުވެ، އިޖުތިމާއީ ފޭރާން ވީދި ހަލާކުވެފައިވާ މި ދަނޑިވަޅުގައި ސަރުކާރު ފެއިލްވެފައިވާތީ ކަމަށެވެ.

އަދި އެކަންކަމުން އަރައިގަތުމަށް ފިޔަވަޅުތަކެއް އެޅުމުގެ ގާބިލްކަން ވެރިންގެ ނެތުމާއި ރައްޔިތުންގެ ހިތްހަމަނުޖެހުން އިންތިހާ އަށް ބޮޑުވެ، ކުރިމަތިކުރުވާ ސުވާލުތަކަށް ސަރުކާރުން ޖަވާބު ދިނުމުގައި ނުކުޅެދިފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެހެންވެ، ސަރުކާރުގެ ވިސްނުމަކީ އިދިކޮޅުން ބުނި ގޮތުގައި ރައްޔިތުންގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށްލުމެވެ. އަދި ޔާމީންގެ މައްޗަށް އިތުރު އަސްލެއް ނެތް، ސިޔާސީ ދެ ދައުވާއެއް ކުރީ އެ ނިޔަތުގައި ކަމަށް ވެސް އިދިކޮޅުން ސިފަ ކުރިއެވެ.

"ރައްޔިތުންގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށް ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންނަށް ރައްދުގައި ދައްކާނެ އެހެން ވާހަކައެއް ހޯދައި ދިނުމުގެ ބޭނުމުގައެވެ. މިފަހަކަށް އައިސް ރާއްޖޭގައި ބިދޭސީއަކު ރޭޕް ކުރި މައްސަލައިގައި ރޭޕް ކުރި މީހުންނަށް ދައުވާނުކޮށް ދޫކޮށްލުމުގައި ރައީސްގެ ސީދާ އަތެއްވާ ކަމަށް ތުހުމަތު ކުރެވި އެކަމުގެ ހިތްހަމަޖެހުން ވެސް ކުރިމަތިވަމުންދާތީ ކަމަށް ވެސް ބެލުމުގެ ފުރުސަތު އެބައޮތެވެ،" ބަޔާނުގައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިހާރު އިއްވާފައިވާ ހުކުމަކީ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އެކުލެވިގެންވާ ހުކުމެއް ކަމާއި އެމަނިކުފާނު ޖަލުގައި ހައްޔަރުކުރެވިފައި ހުންނެވީ ނުހައްގުން ކަން ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން ގަބޫލު ކުރާ ކަމަށެވެ.

އަދި އިތުރު ދައުވާތަކެއް ކުރީ ޔާމީން ދޫކޮށްލަން ގޮވާލާތީ ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ޔާމީން ދޫނުކޮށް އިތުރު އަނިޔާ ދިނުމަށް ކަމަށް ބަޔާނުގައިވެއެވެ. އަދި ދައުވާ ކިޔާލުމުން އެއީ އެއްވެސް ހަގީގަތެއް ނެތް ދައުވާއެއް ކަން އެނގެން އޮންނަ ކަމަށް ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފފފފ

    ހަމަ ހިނިއަންނަނީ. ސަރުކާރު ބަލިކަށިވިވަރަކަށް ތިހެން ރޯމަހެއް ތެޅޭހެން ތެޅިތެޅި އޮންނާނީ. ރައީސް ޔާމީންގެ ސަޕޯޓް ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުން. މިސަރުކާރަށް 3 އަހަރެއް ނުވާނެ. އިންޝާﷲ. ނިމިހިނގައިދާނެ. ދެން މޑޕ ގެ ވަސްވެސް މިގައުމުން ފޮހެލާނަން. ނޫނީ ލާދީނިއްޔަތު ދޫކޮށް އިސްލާމްދީނަށް ރުޖޫއަވެފައިވާ ޕާޓީއަކަށް އެޕާޓީވާންޖެހޭނީ.