އެމިރޭޓްސްގެ ދަތުރުތައް އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރުމަށް ތައްޔާރު ވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމަށް ނިންމާފައިވަނީ އަންނަ މަހު 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުންވެސް މިހާރު އަންނަނީ ބޯޑަރު ހުޅުވާލައި ވައިގެ ދަތުރުތައް ކުރުމަށް ތައްޔާރު ވަމުންނެވެ.

އެމިރޭޓްސް އިން ބުނެފައިވަނީ އަންނަ މަހުން ފެށިގެން އެ އެއާލައިނުން 52 މަންޒިލަކަށް ދަތުރު ކުރުމަށް ނިންމާފައިވާއިވާ ކަމަށެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތަކާއި، އެފްރިކާ، އޭޝިއާ ޕެސިފިކް، ޔޫރަޕްގެ ގައުމުތަށް ހިމެނެއެވެ.

ދުބާއީ އާއި މާލެ ދެމެދު ހަފްތާގެ އާދިއްތަ، ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ފްލައިޓްތަކެއް ބާއްވަން އެމިރޭޓްސް އިން ވަނީ ނިންމާފައެވެ.

މިގޮތަށް ދަތުރުތައް ކުރުމަށް ހަމަ ޖެހިފައިވަނީ ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތް ކަށަވަރު ކުރުމަށްފަހު ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ. އެގޮތުން ސަލާމަތީ ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެ ފަސިންޖަރަކަށް ކޮމްޕްލިމެންޓްރީ ހައިޖީން ކިޓެއް ދޭއިރު އޭގައި ހިމެނޭނީ ފޭސް މާސްކާއި އަންގީގެ އިތުރުން އެންޓިބެކްޓީރިއަލް ވައިޕްސް އަދި ހޭންޑް ސެނިޓައިޒާއެވެ.

ދުނިޔޭގެ 159 މަންޒިލަކަށް ދަތުރުކުރާ، 260 އަށްވުރެ ގިނަ ފްލައިޓްތަށް އޮޕްރޭޓް ކުރަމުން އަންނަ އެމިރޭޓްސް އިން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ދުވާލަކު 2-3 ފްލައިޓްތައް ވަނީ ބާއްވާފައެވެ.