ރ. ރަސްގެތީމު ބަނދަރުގެ މަސައްކަތް އަޕްގްރޭޑު ކުރުމަށްޓަކައި އެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ ހެވީ ފޯސް ޕްރައިވެޓު ލިމިޓެޑް އިން ބަނދަރު ހެދުމަށް ބޭނުންވާ ސާމާނާއި އެކު އެރަށަށް ހިނގައްޖެއެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ރ. ރަސްގެތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އިން އެރަށުގައި މޮބަލައިޒް ވެފައިވާ ކަމަށެވެ.

ރަސްގެތީމު ބަނދަރު ހެދުމަށް ހެވީ ފޯސް އަށް ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ.

https://twitter.com/MoNPImv/status/1277607207320915970?s=20

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރަސްގެތީމު ބަނދަރު އަދި ޖެޓީގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއަށް 50,000,095.25 ރުފިޔާ ހަރަދުވާއިރު، އެއީ 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ލޮޅުމެއް ވަނީ އައިސްފައެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ގިނަ ކަންކަމުގައި ދަތިތައް ކުރިމަތިވެފައިވީ ނަމަވެސް ކުރިޔަށް ގެންދާ އެއްވެސް ތަރައްގީގެ މަޝްރޫއުގެ ހުއްޓުމަކަށް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ދާދިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ކުރިޔަށް އޮތް ހަ މަސް ދުވަސް ވަރަށް ދަތިވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ކުރިޔަށް ހަމަސް ދުވަހަށް އެއް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށާއި އެވަރު ލިބިއްޖެ ނަމަ ކުރިޔަށް އޮތް ހަމަސް ދަތި ނުވެ ކަންކަން ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮއިމަލާކަލޯ

    ބިގޭ މެން ތިކަން ރަނގަޅަށްވިޔަކަނުދޭނެ.

  2. އިންސާފް

    ރަސްގެތީމް ފަދަ އާބާދީ ކުދި ރަށްރަށަކީ އެއްވެސް ސަރުކާރަކުން އަޅާލާތަންތަނެއްނޫން. ވޯޓާޖެހުނީމަ ތިރަށްރަށް މުހިއްމުވަނީ.

  3. މަޗާ

    ތީ ނަމަކަށް ކުރާކަމެއް. ހާވާލާފަ ބަޗާނީ. ކޮބާ އިބޫ ތިރަށަށްވި ވަޢުދުތައް؟