އާ އާންމު ހާލަތުގައި ސްކޫލުތައް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ބައްލަވާލައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ޓީމެއް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ސްކޫލުތަކަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީގެ ޓީމު ޒިޔާރަތް ކޮށްފައިވާ ސްކޫލުތަކަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަނާއި އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި އިމާދުއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި ހުރަވީ ސްކޫލުގެ އިތުރުން ރެހެންދި ސްކޫލް އަދި ޣާޒީ ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ އާއްމު ހާލަތުގައި ސްކޫލުތައް އަލުން ހުޅުވާއިރު ސްކޫލުތަކަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަސް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ބޭނުންވާ ތަކެތި އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވަމުން އަންނަ ކަމަށެވެ.

އެތަކެތި މިހާރި ސްކޫލުތަކަށް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެގޮތުން ސްކޫލްތަކުގައި ގާއިމުކުރަން ޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް ސްކޫލުތަކުގައި ގާއިމް ކުރަމުން އަންނަ ކަމަށާއި ސްކޫލުތައް ހުޅުވެންވާއިރަށް ހުރިހާ ސްޓޭޝަންތައް ގާއިމްކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޫލުތަކުގައި ޖިސްމާނީ ގައިދުރުކަން ހަމަޖެއްސުމަށް ސްކޫލުތަކަށް ވަދެ ނިކުން ގޭޓުތަކާއި ކޮރިޑޯތަކުގައި ގައިދުރު ފާހަގަ ޖަހާފައިވާއިރު ކްލާސްރޫމުތަކުގައި ދަރިވަރިންވެސް ތިބޭނީ ތިން ފޫޓު ދުރުމިނެއްގައި ކަަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ޖުލައި އެއް ވަނަ ދުވަހު ސްކޫލްތައް އަލުން ހުޅުވާލާނެއެވެ. މާލެ ހިމެނޭ ސަރަހައްދުތަކުގެ ސްކޫލުތައް ހުޅުވޭނީ ގްރޭޑު 9އިން މަތީގެ ދަރިވަރުންނަށެވެ.