ރައްޔިތުންގެ މަޖިލީހުން ކަންކަމުގައި ގޮތް ނިންމާ ޝަރީއަތް ކުރަމުންދާ ކަމަށާއި އެކަންކަން ކުރަނީ މަޖިލީހަށް ލިބިފައި ނެތް ބާރެއްގެ ދަށުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ މިއަދަކީ މަޖިލިހުގެ ތާރީހުގައި ވެސް ކަޅު ދުވަހެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުގެ ވަކި ވުޒާރާއަކަށް ވަކިކަމެއް ލާޒިމްކޮށް، އަމުރު ކުރަން ވަލު ދޮރާށިން ކަން ވެއްދުމަކީ ގާނޫނުއަސާސީން ތަންދޭ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މިވެނި މީހަކު ނުވަތަ ވަކި ޖަމިއްޔާއަކަށް ނިސްބަތްވާ ބަޔަކު ގާނޫނާއި ޚިލާފުވެފައިވާ ކަމަށް މަޖިލީހަށް ނުބުނެވޭނެ ކަމަށާއި އެގޮތަށް ބަސް ބުނާ ނަމަ އެއީ އެ އެސޯސިއޭޝަންގެ ހިންގުމުގެ ދާއިރާ ތެރެއަށް މަޖިލީހުން ވަންނަނީ ކަމަށް ބެލެވޭނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

" މިވެނި ކަމެއް މިހެން ކޮށްފިއޭ. މިވެނިކަމެއް އެހެން ކޮށްފިއޭ. އެއީ ޝަރީއަތުގެ މަޖިލީހުގައި އޮންނަ ކަމެއް. އެހެންވެގެން ޖުޑީޝަރީ ކިތަންމެ ގޯސްކޮށް ކަމެއް ކުރިއަސް، ގޯސްކޮށް ކަމެއް ކުރަންޏާ އެކަންކަން އިސްލާހުކުރަންވީ، ރަނގަޅު ފަނޑިޔާރުން ލާންވީ. ނުކުރެވޭނެ ޝަރީއަތްވެސް މި މަޖިލީހުން ކޮށްފާ، މިނިސްޓްރީތައް ވެސް ހިންގާފާ، ގާނޫނުވެސް ހަދާފާ މި ހުރިހާ ކަމެއް ކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވެގެން ނުވާނެ އެއީ ބަރުލަމާނީ ނިޒާމުގައި ވެސް ކަންކަން އޮންނަ ގޮތެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

ވަޒީރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގިދާނެ ކަމަށާއި ވަޒީރު ޖަވާބުދާރީ ވެސް ކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ވަކި މީހަކު ކަނޑާލަން މަޖިލީހަށް އަމުރު ނުކުރެވޭނެ ކަމަށާއި އެކަން މަޖިލީހުން ކުރާ ނަމަ ސަރުކާރު އޮތުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ، އެމްޑީޕީގެ ޕާލެމެންޓްރީ ގްރްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރުގައި ވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އެމްއޭއެމްއިން އެ އިދާރާގެ ޤަވާއިދާއި ކުޅިވަރާއި ބެހޭ ގާނޫނާއި ޚިލާފަށް ހިންގާފައިވާ ބައެއް ކަންކަން ފާހަގަކޮށްފައެވެ. އަދި މި ގަރާރު ހުށަހަޅާފައި ވަނީ ގާނޫނާއި އެއްގޮތަށް އެމްއޭއެމް އާއި މެދު ފިޔަވަޅު އަޅާފައި ނުވާތީ ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އދ

  އަދި ކިރިޔާ މަވޯޓާއާށް ހޭލެވުނީ ،

  11
  1
 2. މަސްރޫރު

  އެމްޑީޕީ ސަރުކާރު އައި ފަހުން ކޯޓް ތަކުގެ ބޭނުމެއްނެތް. ވޯޓްގަނެގެން ރައްޔިތުންގެ މަޖިލީހަށް މެޖޯރިޓީ ހޯދައިގެން ވަދެ ތިބެ މިރާއްޖޭގެ ވެރިކަމުގެ ބާރާ ރައްޔިތުންގެ މަޖިލީހާ އާ ޝަރުޢީ ނިޒާމާ އެއްކޮށްގެން އެމްޑީޕީ އިން ހިންގަނީ ޖަރީމާ . އިދިކޮޅުން މިކަމާ ދޫ ނުދެއްވާތި.އެހެންނޫނީ މިރާއްޖެ އޮޔާގޮސް ގެއްލިދާނެ.

  17
 3. ނަައީމް

  ބަލަ ތިކުރަނީ ސަރީފޫ ހެޔޮވެރިކަން ރައްޔިތުންކުރިމަތީ ތިޔަތިބީ ރެވިފާ މިދުވަސްވެސް މި ފެނުނީ ދެންވެސް ކަލޭމެން ވިސްނާލަބަލަ މިވާގޮތް ކަލެގެ އުމުރުވެސް ތިހެރެގެން ދަނީ ބާރުހުއްޓާ ތައްޔިތުންނަށް ހެޔޮވެރިހަމަކާ ދިމާލަށް މީހަކާ ޒާތީނުވެ ދާންވިސްނާލަބަލަ ތި އަންނިއާ ބައިވެރިވެގެން ކަލޭގެ ވިސްނުމާ އެއްގޮތަށްއެއްވެސް ކަމެއްނުކުރެވުނު ދެން ތިޔަހެރެގެން މުސްކުޅިވީ އެހެންމީހަކާބައިވެރިވެގެން ގައުމަށް ރަނގަޅު ގޮތް ހޯދަދީބަލަ ސަރީފަކީ ވިސްނުންތޫނު ރައްޔިތންނަށް ހެޔޮއެދެންބޭނުންމީހެއްނަމަ ތި ކެނެރީ އާއިލާ ދޫކޮށްލާާާާާ//

 4. ކަމަނަ

  މަޖިލީހުން އިދިކޮޅުމީހުން ޤަވަޢިދާޚިލާފަށް އަނިޔާކޮށް ނެރުމަށްފަހު، ކޯޓުތަކުންނާ، މިނިސްޓުޓީ ތަކުން ކުރަންޖެހޭމަސައްކަތް ކުރަނީ، ފައްކެޑުން، އިސްލާދީނާ ޚިލާފުވާކަދައްކާތަނެއްއެއީ