ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒމްގެ) ޢަމަލެއް ކުރަން އުޅުމުގެ ދައުވާގެ އަޑު އެހުމެއް މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ ޢަމަލެއް ކުރަން އުޅުމުގެ ދައުވާގެ ދެވަނަ އަޑު އެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

މައުމޫނުގެ މައްޗަށް ކޮށްފައިވާ ނިރުބަވެރިކަމުގެ ދައުވާގެ އަޑުއެހުން މާދަމާ ހެނދުނަށް ތާވަލުކޮށްފައިވާއިރު، ޞިއްޙީ ހާލަތު ހުރިގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އަދި މިއަދު ހަވީރަށް ތާވަލުކުރި ދެ މައްސަލައިގެ ޝަރީއަތަކަށްވެސް މައުމޫން ހާޒިރު ކުރެވިފައި ނުވެއެވެ.

މިއަދު ކުރިއަށްދިޔަ ޝަރީއަތްތަކަށް މައުމޫން ހާޒިރު ނުކުރެވުނު ސަބަބާއި ގުޅޭގޮތުން ގާޒީ ހަސަން ނަޖީބު ވިދާޅުވީ، މިއަދުގެ ޝަރީއަތަށް މައުމޫން ހާޒިރު ކުރެވިފައި ނުވަނީ، މަޤްބޫލު އުޒުރެއް (ޞިއްޙީ ހާލަތު) ބަޔާންކޮށް، އެކަމަށް ބާރުދޭ ލިޔެކިޔުންތަކާއެކު މައުމޫން މިއަދު ކޯޓަށް ހާޟިރު ކޮށްދެވެން ނެތްކަމަށްބުނެ ކަމާގުޅޭ މުއައްސަސާތަކުންވެސް ކޯޓަށް އަންގާފައިވާތީ ކަމަށެވެ.

މައުމޫންގެ މައްޗަށް ދައުލަތުން ކުރާ ނިރުބަރުވެރިކަމުގެ ޢަމަލެއް ކުރަން އުޅުމުގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލު ކޮށްފައިވަނީ މިއަދި ހަވީރު 03:00 އަށް އަދި މި މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ. ނަމަވެސް އެ ދެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ. މި މައްސަލައިގައި ބާއްވާފައިވާ ހަމައެކަނި އަޑުއެހުން ބާއްވާފައިވަނީ 2018 އެޕްރީލް 29 ވީ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި މައުމޫނުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ އިއްވާފައިވާއިރު، މައުމޫން ވިދާޅުވީ މައްސަލައާއިގެން ކުރިއަށް ދާނެ ބޭނުންފުޅުވެލައްވަނީ ޤާނޫނީ ވަކީލަކާ އެކު ކަމަށެވެ. އެދުވަހުގެ ޝަރީއަތް ގާޒީ ހައިލަމް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރަން 2 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މައުމޫނުގެ މައްޗަށް ކުރާ އެއްވެސް ދައުވާއެއްގެ އަޑު އެހުމެއް ކުރިއަށް ނުގޮސް މަޑުޖެހިފައިވާއިރު، އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ރަނގަޅު ނޫންކަމުގެ އަޑުތައް ވަނީ ފެތުރުފައެވެ. އެކަމުގެ ސަބަބުން އެހީތެރިވުމަށް އަނބިކަނބަލުން ޖަލަށް ވަޑައިގަންނަވަން ފައްޓަވާފައިވާކަން ފާހަގަކޮށްލެވެއެވެ.

2018 ފެބުރުވަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މައުމޫން އަބްދުލް ޤައްޔޫމްގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ އިތުރުން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފު އަދި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާއި، ސޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދާއި، މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްއާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފްގެ މައްޗަށްވެސް ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައިވާއިރު، މި ކުށް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ނިރުބަވެރިކަމުގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ އިތުރުން މައުމޫންގެ މައްޗަށް ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅިކަމުގެ ދަޢުވާ ވެސް ދައުލަތުން އުފުލާފައިވެއެވެ.