ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފިޔަވަޅު އެޅުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފިއެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަދި ކުރީގެ ކުޅުންތެރިއެއް ކަމަށްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މި ގަރާރު ބަލައިގަނެ އިތުރަށް ގަރާރު ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމެޓީ އަށް ފޮނުވަން ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ.

މެމްބަރު އާޒިމް މަޖިލީހަށް ހުށަހެޅި ގަރާރުގައި، ފާއިތުވެދިޔަ ދުވަސްތަކުގައި އެމްއޭއެމްއިން އެ އިދާރާގެ ޤަވާއިދާއި ކުޅިވަރާއި ބެހޭ ޤާނޫނާއި ޚިލާފަށް ހިންގާފައިވާ ބައެއް ކަންކަން ފާހަގަކޮށްފައި ވެއެވެ. އަދި މި ގަރާރު ހުށަހަޅާފައި ވަނީ ޤާނޫނާއި އެއްގޮތަށް އެމްއޭއެމް އާއި މެދު ފިޔަވަޅު އަޅާފައި ނުވާތީ ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރުން އިސްތިއުފާދިނުމުން، އެ މެމްބަރުންގެ ބަދަލުގައި ކޮމިޓީއަށް އައްޔަން ކުރެވުނު ފަރާތްތައް އެފްއޭއެމް ކޮންގްރެސްގައި އިންތިޚާބު ކޮށްފައި ނުވާކަމާއި، ޤަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތީން އެފްއޭއެމްއިން އެކްސްކޯ ބައްދަލުވުންތައް ކުރިޔަށްނުގެންދާކަން މައްސަލަވެސް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން ކުޅިވަރު ގާނޫނުގެ 8 ވަނަ މާއްދާގެ "ށ" ގައި ރާއްޖޭގައި ވާދަވެރި ގޮތުގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ، ކަނޑައެޅިފައިވާ އުސޫލުން އަމަލު ނުކުރާ ފަރާތްތަކާ މެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

"ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު" 39 ވަނަ މާއްދާގެ (ހ) ގައި ޖަމިއްޔާއެއް ރަޖިސްޓްރީ ކުރާތާރީހުން ފެށިގެން 2 (ދޭއް) އަހަރުވާރިއު އެ ޖަމްއިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސްކަމެއް ނުކުރާނަމަ، ނުވަތަ އެއިން އެއްވެސް ކަމެއްނުކޮށް ވިދިވިދިގެން 2 (ދޭއް) އަހަރު ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވެއެވެ." ގަރާރުގައި ވެއެވެ.

މެމްބަރު އާޒިމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، އެފްއޭއެމް ހިންގާ ޤަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ޤަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި، އެ ކަންކަމަށް އަމަލުކުރުމަށްފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި، ވަގުތުން ވަގުތަށް މިކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.