ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ނަމަ މަޖިލިހުން ރުހުން ހޯދަން ޖެހޭ ގޮތަށް ހަމަޖައްސަން، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގެންފިއެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާތާ 48 ގަޑިއިރު ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން ވާނެ ކަމަށެވެ. އެ އިސްލާހު މިއަދުގެ މަޖިލިސް ޖަލްސާގައި ބަލައިގެންފައިވާއިރު އެ ބިލު ވަނީ އިޖުތިމާއީ ކޮމެޓީ އަށް ފޮނުވާފައެވެ.
ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ހިމެނޭނެހެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

އެ ބިލު ހުށަހެޅުއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް އިންތިޒާމްކުރުމަށާއި އަދި މިހާރަށް ވުރެން ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށް ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާ ބާއްވާނެ ގޮތްތައް އިތުރަށް މިހާރަށް ވުރެން ބޮޑަށް ސާފުކުރުން ވެސް މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ އާންމު ސިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެ ނަމަ ހޭދަ ކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ވަގުތެއްގައި އެފަދަ ނުރައްކަލެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެން ކުރަންޖެހޭ ހޭދަ އިތުރުވާނަމަ، ފައިސާ ބޭނުންވާ މިންވަރެއް، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްލާ އިއުލާނު ކޮށްފައިވީ ނަމަވެސް ވަކި ކަންތައްތަކެއް ކުރުމުގެ ބާރު މަޖިލީހަށް ލިބޭނެ ކަމަށް އެ އިސްލާހުގައިވެއެވެ. އެގޮތުން ކުއްލި ނުރައްކާ އުވާލުމުގެ ބާރު އެ އިސްލާހުން މަޖިލީހަށް ވަނީ ދީފައެވެ.

އެ އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރުގެ ވަކި ބައެއް އަދި މުޅި ގަރާރު އެކުގައި ފާސްކުރުއި މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުއްދަތު އިތުރުކުރުމާއި، ގަރާރު ބާތިލުކުރުން އަދި މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުމުގެ ބާރު މަޖިލީހަށް ވަނީ އެ އިސްލާހުން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ކެނެރީގެ ބުއްޅަބޭ ހިތުން އޭނަ މި ވެރިކަން ކުރަނީ ވެސް. ހިންނަވަރު ބުއްޅަހުއްތު އެއީ ހަމަ ރަމްޒެއް. ބޮލެއް. ގަމީހެއް

 2. Anonymous

  މިއަށް ދެން ބަރުލަމާނީ ނުކިޔާ ކީކޭތަ ކިޔަންވީ...ގޮށްމުށުގެ ބާރު ނަސީދުގެ އައުވާނުން ބޭނުންކޮށޤގެން އައްޑޫ ސަރީފް ބުނާހެން ހުރިހާ ކަމެއް ނަސީދަށް

 3. ާއަލީ

  ކަލޭމެން މަޖިލިހުން ރާއްޖޭގެ ވެރިކަން ވެސް ކުރަން ނިއްމަންވީނު ތަނެއް ދޮރެއް ނުދަންނަ މީހުން މިތަނައް ވަދެތިބެ މުޅިނިޒާމު ހަލާކު ކޮއްފި

 4. ނާޒިމާ

  މީ ދެން ކޮންފަދަކަމެއް ނޭވާލާން ޖެހެނީވެސް ކެނޭރީ ރީފުން ހުއްދަ ލިބިގެންކަމަށް ފާސްކުރަމާ ދޯ

 5. ޢަލީ

  އެއްބާރު، އަނެއްބާރައް ނުފޫޒު ފޯރުވުމެއް ނެތި
  މިހާރު ހުރިހާ ކަމެއް ކުރަން ވެސް މި ތިބީ ރައްޔިތުންގެ މަޖިލީސް. ކޯޓަކަށްވެސް ބަހެއްވެސް ބުނާކަށް ނުކެރޭ.
  ޝަރުޢީ ދާއިރާ ގެ މައްސަލަ ތައް ބަލަމުން ސަރުކާރުގެ ހުރިހާ ކަމެއްގެ ތެރެއަށް ވަންނަމުން
  ރައްޔިތުންގެ މަޖިލީހުގެ ދައުރަކީކޮބާކަން މި އޮތީ އެއްކޮށް އޮޅިފަ.