ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 23ވަނަ ދުވަހުއެވެ. މިހާތަނަށް ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ދެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ ދެ ކެންޑިޑޭޓުންނެވެ.

އެމްޑީޕީގެ ދެ ކެންޑިޑޭޓުންގެ ތެރެއިން އެކަކަކީ އއ. ބޮޑުފުޅަދޫ ކައުންސިލަށް ވާދަކުރަން ނިންމި ކެންޑިޑޭޓެކެވެ. ދެން ހުރީ ނ. މާޅެންދޫ ކައުންސިލަށް ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކީ ށ. މަރޮށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑި އަށް ވާދަކޮށްފައިވާ ކެންޑިޑޭޓެކެވެ.

އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓުންގެ ތެރެއިން އެކަކީ ލ. މާވަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި ކެންޑިޑޭޓެވެ. ދެން ހުރީ ގއ. ކޮނޑޭ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ވާދަ ކުރި ކެންޑިޑޭޓެކެވެ.

ކޮވިޑް-19 އާ ގުޅިގެން މި އަހަރު އޭޕްރިލް މަހު ބާއްވަން ތާވަލު ކުރި ކައުންސިލް އިންތިހާބު ފަސް ކޮށްފައިވާއިރު، މި އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބާއްވަން މަޝްވަރާތައް ދަނީ ކުރަމުންނެވެ. އެހެންކަމުން އިންތިހާބަށް އަދި ނުވަ ވަރަކަށް މަސް އެބަ އޮތެވެ.

ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމެވެ.

އީސީން ބުނީ .ފޯމު ހުށަހަޅާފައި ވަނީ ކޮމިޝަނުގެ އީމެއިލް [email protected] އަށް ކަމަށެވެ. އަދި މި ދުވަސްވަރު ފޯމް ބަލައިގަންނާނީ މެއިލް މެދުވެރިކޮށް އެކަނި ކަމަށްވެސް ބުނެފައި ވެއެވެ.

އީސީން އިތުރަށް ބުނީ، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އަންގާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ،ގާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައި އިންތިހާބު ބޭއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮން

    ކޮބާ މުރައިދޫ މަންޖެ..

  2. ބެއްޔާ

    އަނެއްކާ ސީޒަނަށް ތައްޔާރުވަނީ. މިފަހަރު ކިހާވަރެއް ލިބޭނެބާ. އިންޑިޔާއިން އެއްޗެއް ނުލިބޭނެ މިފަހަރު. ޕާޓީސައިޑުން އެތިކޮޅެއް ހޯދާ. ނޫނީ މަގާމް 100 އަހަރަށް ކުރެވޭ ގޮތަށް ޤާނޫނުން ހޯދާ.