ރާއްޖެއިން ގަބޫލުކުރާ ގޮތުގައި ފަތުރުވެރިކަން އަލުން ދިރުވުމުގެ ބިންގަލަކީ ދަތުރުވެރިންގެ އިތުބާރާއި ދަތުރުފަތުރުކުރުމުގެ ފަސޭހަކަން ހަމަހަމަ ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޯ އީސްޓް އެންޑް ދަ ޕެސިފިކް، އަދި ކޮމިޝަން ފޯ ސައުތު އޭޝިއާގެ 32 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެއް މިންގަޑުތަކެއް ހިފަހައްޓައިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަރާތްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުރަމުންދާ މަސައްކަތުން ލިބޭ ކުރިއެރުންތަކާއި ކާމިޔާބީތަކުން މިއަދު ވިސްނުން ބަދަލުވެފައިވާ ކަމަށެވެ.

"އެންމެން އެކުގައި އެއް އަޑެއްގައި އެއް މިންގަނޑުތަކެއް ހިފަހައްޓައިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ކުރަމުން ގެންދާ މަސައްކަތުން ލިބޭ ކުރިއެރުންތަކާއި ކާމިޔާބީ އިން އަޅުގަނޑުމެންގެ ވިސްނުން މިއަދު މިވަނީ ބަދަލުވެފައި،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެ ވިސްނުމާއި އުއްމީދާއި އެކު މުސްތަގުބަލު އުޖާލާ ކުރުމުގެ އުއްމީދާއި އެކު އާ އާއްމު ހާލަތަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އަންނަ މަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ރާއްޖެއިން ދޭން ބޭނުންވާ ޔަގީންކަމަކީ އެއީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި އޭނާ ވަނީ ކޮވިޑް-19 އިން އަރައިގަނެ ބޯޑަރުތައް ހުޅުވައި އަލުން ދަތުރުފަތުރުތައް ފެށުމަށް ޔޫއެންޑަބްލިއުޓީއޯގެ އިސްވެރިންނާއި އެހެން ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި، އެމީހުންގެ އިތުބާރު ނެގެހެއްޓުމާއި، އެކި ގައުމުތަކުން އަމަލުކުރަމުންދާ ސިޔާސަތުތައް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ. އެ ބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޯ އީސްޓް އެންޑް ދަ ޕެސިފިކް، އަދި ކޮމިޝަން ފޯ ސައުތު އޭޝިއާގެ މެންބަރު 27 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިނބިންކާލޯ

    މިހާރު އާވައްތަރަކައް އިސްތިހާރު ކުރަންފެއްޓީ އެއްނޫންތޯ ސަފާރީ ޕުރޮމޯޝަން ބައިކުދިން ބައިވެރިވެގެން