މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަ އާއި ގުޅިގެން މައްސަލައިގެ ކޭސް ލޮގަށް އެ ކޮމިޝަނުން އެދިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލަ އާއި ގުޅިގެން އެންއައިސީގެ މެންބަރުންނާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ ބައްދަލުކޮށްފައެވެ. އެގޮތުން އެ މައްސަލަ ބެލުމަށް ތިން މެންބަރުންގެ ކޮމެޓީއެއް އެކުލަވާލައިފައިވާއިރު އެ ކޮމެޓީގައި އިސްކޮށް ހަރަކާތްތެރިވަނީ ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދުއެވެ.

އެ ކޮމިޓީގައި ވާހަކަދައްވަމުން ޖިހާދު ވިދާޅުވީ، 28 ވަނަ ދުވަހު އެ މައްސަލަ އެންއައިސީގެ ސަމާލު ކަމަށް އައުމުން އެ މައްސަލަ ކުރިއަށް ދިޔަ ގޮތް ބެލުމަށް ޖޫން 28 ވަނަ ދުވަހު ސިޓީއެއް ފޮނުވި ކަމަށާއި، އެ ސިޓީގެ ޖަވާބު އިއްޔެ ދީފައިވާ ކަމަށެވެ.

"އެއީ އިންސިޑެންޓް ހިނގާ ދިޔަގޮތް. އެއީ ތަހުގީގުގެ އެއްޗެއް ނޫން. އެ ސިޓީގައި އެކަމަކު މެންޝަންކޮށްފައި އޮތް ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ އެ ތަހުގީގާއި ގުޅޭ ކަންތައްތައް ހިއްސާ ނުކުރެވޭނެއޭ. އެބައެއް އަޅުގަނޑުމެން ބޭނުމެއްނުވޭ. އަޅުގަނޑުމެން ބޭނުންވީ ފުލުހުން މިކަމުގަ އިހުމާލެއް ވެފައިވޭތޯ ބެލުން ރައްޔިތުން އެހާބޮޑު ކޮންސާނަކަށް ވާތީ،" އޭނާ ވިދާޅުވިއެވެ.

އަދި އެފަދަ މައްސަލަތައް ބެލުމުގައި އާއްމުކޮށް އަމަލުކުރާ އުސޫލަކީ ކޮބާތޯ ބަލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދުނު ކަންތައްތަކުގެ ތެރޭގައި ބައެއް ޑޮކިއުމެންޓްތައް އަދިއެއް ނުލިބޭ. އެ ޑޮކިއުމެންޓްތަކަށް އަދި އެދޭނަން. އެއީ ޕްރޮސީޖާ ގެންދާއިރު ލޮގްކުރެވިފައި ހުރި ކަންތައްތަކެއް. އޭގެއިން އަޅުގަނޑުމެންނަށް އެނގޭނެ، ތަހުގީގުތައް ދެން ކުރިއަށް ދާންވީ ގޮތްވެސް. އެތަނަށް ގޮސްސަ އިތުރަށް އަޅުގަނޑުމެން ނެގިން 4 ފުލުހެއްގެ ބަޔާނެއް" އޭނާ ވިދާޅުވިއެވެ.

އެންއައިސީއިން ނަގާފައި ވަނީ އެ ސީންއަށް ދިޔަ ދެ ފުލުހުންގެ ބަޔާނާއި އިތުރު ދެ ފުލުހުންގެ ބަޔާން ކަމަށް ޖިހާދު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލަ އާއި ގުޅިގެން މިހާތަނަށް އެންއައިސީ އިން ފުލުހުންނަށް ފަސް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ސިޓީއެއްގައި ކޭސް ލޮގް ހޯދުމަށް އެދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު އެދިފައިވާ ކަންކަމަށް އެއްބާރުލުން ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.