މާފުށީ ޖަލުގެ ގައިދީން ފަހާފައިވާ 1000 ފޮތި މާސްކު، މާފުށީ ސްކޫލަށް މިއަދު ހަދިޔާކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ، އެ ސްކޫލަށް ހަދިޔާ ކުރި 1000 މާސްކަކަކީ ކޮންމެ ދަރިވަރަކަށް ދެ މާސްކުގެ ނިސްބަތުންް ހަދިޔާ ކުރި މާސްކްތަކެއް ކަމަށެވެ.

މި މާސްކުތައް އެ ރަށުގެ ސްކޫލާ ހަވާލުކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ރިޟާއެވެ.

އައު އާންމު ހާލަތުގައި މާދަމާ ސްކޫލްތައް ހުޅުވާލާއިރު، ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.

އެގޮތުން މާސްކުގެ ގޮތުގައި ސާޖިކަލް ނުވަތަ ފޮތި މާސްކު ސްކޫލްތަކުގައި ބޭނުން ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ފޮތި މާސްކް ބޭނުންކުރާނަމަ ސަމާލުކަން ދޭން ޖެހޭ ކަންކަން ވެސް އެޑިއުކޭޝަން މިނިސްޓްރީން ތަފްސީލްކޮށް ދިނެވެ.

އެގޮތުން މިނިސްޓްރީން ވިދާޅުވި ގޮތުގައި މާސްކް ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާންޖެހޭނެއެވެ. މާސްކުގެ ބޭރު ފަށަލަ ހަދާފައި ހުންނަންވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވެ، ބަންދުވާނެހެން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.