ޓިއުޝަން ކްލާސްތައް ހުޅުވުމުގެ ހުއްދަ އަދި ނުދޭން ނިންމާފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލާދެއްވާ މިރޭ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ޓިއުޝަން ސެންޓަރުތައް ހުޅުވުމުގެ ހުއްދަ އަދި ނުދޭން ނިންމާފައި ވަނީ ޓިއުޝަން ސެންޓަރުތަކަކީ ޖާގައިގެ ގޮތުން ކުދިކުދި ތަންތަނަށް ވެފައި، އެތަންތަނުގައި ގައިދުރުކަން ބަހައްޓަން ދަތިތައް ކުރިމަތިވާނެތީ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި ހުންނަތާ ހަތަރު މަސް ދުވަސް ފަހުން މާދަމާ ސްކޫލްތައް ހުޅުވާނެއެވެ. މާދަމާ އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ވެސް ގްރޭޑް 01 އިން ފެށިގެން ގްރޭޑް 12 އާއި ދެމެދުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން އޮންނާނެއެވެ. ނަމަވެސް މާލޭގެ ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ގްރޭޑް 09 އިން ފެށިގެން ގްރޭޑް 12 އާއި ދެމެދުގެ ގްރޭޑްތަކަށެވެ.

ސްކޫލްތައް މާދަމާ ހުޅުވަނީ ހާއްސަ ފިޔަވަޅުތަކަކާއި އެކުގައެވެ. މާދަމާ ސްކޫލްތައް ހުޅުވާއިރު ގައިދުރުކަން ބެހެއްޓުމަށްޓަކައި މީގެ ކުރިން 30-32 ދަރިވަރުން ތިބި ކްލާސް ރޫމުތައް، 16 ދަރިވަރުންނަށް މަދުކޮށްފައިވާ ކަމަށާއި ގައިދުރުކަން ބެހެއްޓުމަށް ސްކޫލުގެ އެކި ހިސާބުތަކުގައި ހަނދާންކޮށްދީފައިވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ 91،000 ދަރިވަރުންނަށް ކޮށްފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ޔުނިސެފާ ގުޅިގެން ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ)އާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ބޭބީ ނާސަރީން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށް ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަޅާފިޅި

    މިފަހަރު އަނެއްކާވެސް ރޭގަނޑު 12 ގެ ފަހުން މަގުތައް ތަޅާ ނަގަން ދިރާގަށާ އުރީދުއަށް ހުއްދަދިނީމާ އެއޮތީ ކޮވިޑު އެންމެ ރަނގަޅަށް މައިތިރިވާ ހިސާބަށް ގޮސްފަ. ދޯ މަބުރޫކޫ؟

  2. ޙުސޭން

    ޓިއުޝަން ސެންޓަރުތައް ބަންދުކޮށްފަ ބަހައްޓާ އެތަންތަން ހިންގާ ފަރާތްތަކަށް ލިބޭގެއްލުން އެޑިއުޝަން މިނިސްޓްރީ އިން ނުވަތަ އެންއީއޯސީ އިން ދޭނެބާ؟ ދެކޮޅުޖެހޭ ގޮތަށް އެއްކަމެއްވެސް ކުރަން ނޭގެނީބާ؟