މާދަމާ އިން ފެށިގެން ދޭ ލުއިތަކުގެ ދަށުން ރަށްރަށުން މާލެ އަށް އަންނަން އެއްވެސް ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ) އިން ވިދާޅުވެއްޖެއެވެ.

ފުރަބަންދަށް ދިން ލުއިތައް އިއުލާން ކުރައްވަމުން އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އެހެން ރަށްރަށުން ގްރޭޓަރ މާލެ ސަރަޙައްދަށް ދަތުރު ކުރުމަށް އެއްވެސް ހުރަހެއް ދެން ނޯންނާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރަށްރަށުން މާލެ ސަރަހައްދަށް ދަތުރު ކުރަން ހުރަހެއް ނެތް ނަމަވެސް ފުރަބަންދުގެ ޙާލަތުގެ ސަބަބުން މާލެ ސަރަޙައްދުގައި ތިބި، އެހެން ރަށްރަށުގައި ދިރިއުޅޭ މީހުން، އެމީހުންގެ ރަށަށް އަނބުރާ ދިޔުމުގައި ޢަމަލުކުރެވޭނީ މިހާރު ވެސް ޢަމަލުކުރަމުން އަންނަ އުޞޫލުން ކަމަށެވެ. އެހެންކަމުން މާލެއިން ނުވަތަ ކޮވިޑް-19 ގެ ބަލިމަޑުކަން ފެނިފައިވާ ރަށަކުން އެނބުރި ދާ ރަށަކަށް ދިޔުމަށް ފަހު، އެމީހަކު ހުންނަން ހަމަޖެހިފައިވާ ގެއެއްގައި، 14 ދުވަސް ހަމަވަންދެން ގޭގައި ކަރަންޓީން ގައި ހުންނަން ޖެހޭނެއެވެ.

މާލޭ ސަރަހައްދުން ރަށްރަށަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން ފުރަތަމަ ޖެހޭނީ "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓްރީ ވާށެވެ. ޕޯޓަލްގައި ރަޖިސްޓްރީ ވުމުން، އެމީހަކު ކަރަންޓީންގައި ހުންނަން ބޭނުންވާ ތަނެއްގެ ހާލަތު ރަށު ކައުންސިލުން ބެލުމަށް ފަހު، ކަރަންޓީން ވުމުގެ ހުއްދަ ދިނުމުން ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެއެވެ. މާދަމާ އިން ފެށިގެން ފްލައިޓް ދަތުރުތައް ފަށާއިރު، ރަށަށް ދަތުރު ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް ފްލައިޓްތަކުން ދަތުރު ކުރެވޭނެއެވެ.

ކޮވިޑް-19 ފެނިފައިނުވާ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ދިނުމާއި، ޢާންމު އުޞޫލުން ދަތުރުފަތުރު ކުރުމުގައި ކުރިޔެކޭ ވެސް އެއްގޮތަށް އެއްވެސް ހުރަހެއް މިހާރު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަން

    މިގޭގަ ތިބި މީހުން ކައިރީ ބުނެބާ ދެން ދާށޭ އަނބުރާ މާލެ.

  2. ާއަހުމަދު

    ރަށްރަށުން އަންނަ ދޯނިތަކުގަ ތިބޭމީހުންނަށް ފިހާރަތަކުން ވިޔަފާރި ކުރެވޭނެތަ

  3. އަބްދޫ

    ރާއްޖެގެ ވެރިރަށް މާލެއިން ބައްޔަށް ޕޮޒިޓިވް ވާމީހުން އެފެންނަނީ ޓެސްޓް ކުރެވޭ މިންވަރުން.ހުރިހާ ސާމަޕްލް ޓެސްޓް ކުރެވިއްޖެނަމަ ފެންނަ މީހުންގިނަވާނެ . .ބަލި ކޮންޓްރޯލް ކުރެވުމަކީ ބަލިޖެހިފަ ތިބޭ މީހުން އެކަހެރި ވުމަށްފަހު މުޖަތަމައުން ބަލިހުރި މީހުން ނުފެންނަން ފެށުން. މިހާރު ބަލ ހުރި މީހުން ފެންނަނީ މުޖްތަމައުން ކަމަށްވާތީ ދެވެނަ ރާޅެއް ނެގުމުގެ ފުރުސަތު ވަރަށް ބޮޑު . މިހާރު އަމަލު ކުރަންފެށުނުގޮތުން ރާއްޖެގެ ރަށްތަކަށް ބަލި ފެތުރުމުގެ ފުރުސަތު ވެސް ބޮޑު.