ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 403 މީހުންނެވެ. އިއްޔެ އާއި ހަމައަށް މި އަދަދު 396 ގައި ހުއްޓާ އަނެއްކާވެސް އިތުރުވެފައި މިވަނީ އިއްޔެ އިތުރު ބަޔަކު ރާއްޖެއިން ފައްސިވުމުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި 15 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން ތިން މީހަކަށް ފަރުވާދެނީ އައިސީޔޫގައި ކަން ކުރިން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެ، ބަލި ފެތުރޭ މިންވަރު އިތުރުވެގެން ދިޔައީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. އެގޮތުން މޭއި މަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއިން 1300 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާކަން ތަފާސްހިސާބުތަކުން އެނގެއެވެ.

އިއްޔެ އިތުރު 24 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން ޖުމްލަ 2361 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 1927 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އިއްޔެ ރާއްޖެ އިން 17 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 9 މީހަކު ވަނީ ނިޔާވެފައެވެ. މީގެތެރޭގައި އިއްޔެ ނިޔާވި މީހަކު ވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 64.8‬ އިންސައްތަ އަކީ ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް 1530 ބިދޭސީއަކަށް މި ބަލި ޖެހިފައި ވާއިރު، ފައްސިވީ ދިވެހިންގެ އަދަދު އުޅެނީ 831 ގައެވެ.

ރާއްޖެއިން ޖުމްލަ 1979 ފިރިހެނަކާއި 374 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 134 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި ތިބީ 260 މީހެކެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 115 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށިދް

    403 މީހަކަށް ފަރުވާ ދެނީ