ތ. އަތޮޅު ރިސޯޓަކުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއްގައި އަލިފާން ރޯވެ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އެ ލޯންޗުގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ދަތުރުމަތީގައި އުޅެނިކޮށް ކަމަށެވެ. އެ ލޯންޗުން ޖުމްލަ ހަ މީހަކު ދަތުރު ކުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި ދެ މީހުން ފިޔަވައި އިތުރު މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާ ލިބުނު މީހުންނަށް މާލިފުށި ރިސޯޓުގައި ފަރުވާދެމުންދާ އިރު، އެމީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ހާދިސާގައި އަނިޔާވެފައި ވަނީ ދިވެއްސަކާއި އަދި ބިދޭސީއަކަށް ކަމަށެވެ.

އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުންގެ އޮފިޝަލް ނުދެއްވައެވެ.

އަލިފާން ރޯވެފައި ވަނީ "ކޮމޯ މާލިފުށި ރިސޯޓު" ލޯންޗެއްގައެވެ. އެ ލޯންޗުގައި ރޯވީ ތ. ގުރައިދޫ ކައިރިންނެވެ. އެ ލޯންޗު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

ފުލުހުން ވިދާޅުވީ ލޯންޗުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ.