ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ސަރަހައްދަށް އައު ކަންޓްރީ ޑިރެކްޓައެއް އައްޔަން ކޮށްފިއެވެ.

ވޯލްޑް ބޭންކުން މި މަގާމަށް އައްޔަން ކުރީ ފާރިސް ހަދާދު-ޒާވޮސްއެވެ. އޭނާއަކީ ރާއްޖޭގެ އިތުރުން ނޭޕާލާއި ސްރީ ލަންކާ އަށް ވެސް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓައެވެ.

ފާރިސް މި މަގާމަށް އައްޔަން ކޮށްފައިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ އެ ބޭންކުގެ އެހެން މަސްއޫލިއްޔަތަކާއި ހަވާލުވެ ވަޑައިގަތުމުންނެވެ.

ފާރިސް މަސައްކަތް ކުރައްވަން ހަމަ ޖެހިފައިވަނީ ނޭޕާލްގެ ކަތަމަންޑޫގައި ހުންނަ މި ތިން ގައުމުގެ ސަރަހައްދީ އޮފީހުގައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގައި ހިންގޭ ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކަށް ވޯލްޑް ބޭންކުން ދޭ އެހީތެރިކަން ބައްޓަންކުރުމުގައި އިސް ދައުރެއް އޭނާ އަދާ ކުރައްވާނެއެވެ.

ހަދާދު-ޒާވޮސް މީގެ ކުރިން ހުންނެވީ ވޯލްޑް ބޭންކުން ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރުގެ މަގާމުގައެވެ. އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަދާދު-ޒާވޮސް ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ 1996 ވަނަ އަހަރުއެވެ.

ވޯލްޑް ބޭންކުން ވަނީ ރާއްޖެ ހިމެނޭހެން ގިނަ ގައުމަކަށް މިހާރު ދުނިޔެއަށް ކުރިމަތި ވެފައިވާ ކޮވިޑް-19 ގެ މި ހާލަތުން އަރައިގަތުމަށް އެކި ގޮތްގޮތުން ފައިސާގެ އެހި ފޯރު ކޮށްދީފައެވެ.