ސަރުކާރުގެ މަސައްކަތައް ހުރަސް އަޅައިގެން އިއްޔެ ޖަލަށް ލާން ޙުކުމް ކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ނިންމާލީ ފަޓާސް ބަރިއެއް ހެންކަމަށް އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މ.ކުނޫޒުގައިބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ވަނީ ގާނޫނުއަސާސީން ކަނޑައަޅާފައި އޮތް އިޖުރާއުތަކުގެ ބޭރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެވެ. އެމަނިކުފާނު ހައްޔަރު ކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ޑރ.ހުސައިން ވިދާޅުވިއެވެ.

"އުއްތަމަ ފަނޑިޔާރަށް ދިފާއުގައި ހެކި ހުށަހެޅުމުން، ބައެއް ދިފާއީ ހެކިވެރިންނަށް ހެކި ދިނުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވޭ, ކުށުން ބަރީއަވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ލިބިގެންވާއިރު، އުއްތަމަ ފަނޑިޔާރު އެ ހައްގު ނުލިބޭ "ޑރ.ހުސއިން ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހުކުމް ކުރީ ވަކި ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކަމަށެވެ.

ލިޔުންތައް ފޮނުވަން ޖެހޭނީ ޖެމްސް މެދުވެރިކޮށް ކަމަށް ބުނާ އެއްވެސް ގާނޫނެއް ނެތް ކަމަށާއި އުއްތަމަ ފަނޑިޔާރަށް ހުކުމް އައި ގޮތާ މެދު ދިރާސާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ނޫސްވެރިގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް އަނިޔާ ލިބިވަޑައިގަންނަވަނީ ގާނޫނީ ޒިންމާ އަދާކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮއްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ވާވައްދާނޭކަމެއްނެތެވެ. އެވަރުވެސް ލަހެވެ. ކުރިޔަށްހުރި ބޮޑު ޙުކުމްތައް އަދި އޮތީއެވެ. މައްސަލަ ޝަރީޢާތަށް ސާބިތުވީމާ ސިކުންތެއްވެސް ލަސްނުކޮށ ޙުކުމްއިއްވަންވީއެވެ. ފަޓާސްބަރިއެއްހެން ރޭގަނޑުދަންވަރު ކޯޓުހުޅުވައި ނެރުނު ޙުކުމާދޭތެރޭގައި ބުނާނީ ކީކޭ؟

  2. ރެޓޭ

    އުއްތަމަ ފަނޑިޔާރު ޑޮލަރު ބޮނޑި ކައްވާލީ ހަވާބަރިއެއްހެން!

  3. ހުސޭނުބޭ

    އެހެންވިއްޔާ 4 މަސްދުވަހުން ގޮވާ ފަޓާސްބަރިއެއް ދައްކާބަލަ.

  4. އަބްދުއްލާ

    ހަގީގަތުގަ ސަރީއަތް ނިންމަންޖެހެނީ ފަޓާސްބަރިއެއްހެން. ގާނޫނުއަސާސީގަވެސް ބުނަނީ އަވަސް މުއްދަތެއްގާސަރީއަތް ނިންމުމަށް. ކަމުގަ ސާމިލްވާމީހުނަށް ކަންކަން ހަނދާންނެތޭހާ ދުވަހަށް ސަރީއަތް ދެންމުމަކީ ސަރީއަތަށް ހުރަސް އެޅުން ނޫންކަމަކަށް ނުވާނެ. އަވަހަށް ނިންމުމަކީ ހުރިހާފަރާތަކަށް މަންފާ އޮތް ގޮތް.

  5. ތަޤްވާވެރިޔާ

    ޔާމީނުގެ ބަދަލުގައި ވެރިކަމުގައި އިދިކޮޅުގެ ކޮންމެވެސް މީހަކު ހުރެފަ ތިޔަކަން މައްސަލަ ކޯޓުގައި ކުރިއަށް ދާނަމަ މިމީހުންގެ ވާހަކަ ހުންނާނީ ކިހިނެއްބާ ދޯ؟؟؟