ޖިންސީ މައްސަލަތަކެއްގައި ފުލުހުންގެ ތަހުގީގު ހިނގައި ދިޔަ ގޮތް ބެލުމަށް އަމުރެއް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޝަމީމް ވިދާޅުވީ، ފަހަކަށް އައިސް ފެންމަތިވެފައިވާ ޖިންސީ މައްސަލަތަކެއްގައި ފުލުހުންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރާކަމުގެ ޝަކުވާ ލިބިފައޮވާކަމަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ މަސްއޫލިއްޔަތު ގާނޫނުއަސާސީން ބަޔާންކުރާ 223 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވިގެން ބަލާބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަން ހިންގަނީ ގާނޫނުތަކާއި އެއްގޮތަށްތޯ ބެލުމަކީ ޕީޖީގެ ޒިންމާއެއްކަމަށާއި، ޖިންސީ ގޯނާގެ ދެތިން މައްސަލަގައި ތުހުމަތު ކުރެވޭ ކަންކަން އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މައްސަލަތައް އަޅުގަނޑު ދިރާސާ ކުރާނަން. ފުލުހުންނަށް މިހާރު އަމުރެއް މި ފޮނުވަނީ އެ މައްސަލަތަކުގެ ލިޔުންތައް އަޅުގަނޑާއި ހަމައަށް ގެނެސްދިނުމަށް". ޝަމީމް ވިދާޅުވިއެވެ.

އެ މައްސަލަތަކުގެ ތަފްސީލެއް އޭނާ ހާމަކުަރައްވާފައެއް ނުވެއެވެ.

ޝަމީމް ވިދާޅުވީ، މިއަދު އެކަމުގެ ލިޔުންތައް ފޮނުވައި ދިރާސާކުރަން ފެށުމަށް އަންގާނެ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ދެ ހަފުތާގެ ތެރޭގައި އެކަން ބަލައި، ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަދީމް

    ޝަމީމު މީ ކާކު އިބްތިހާލް މަންމަ އޭނަގެ ދަރިފުޅު މަރާލި ކަމަށް އެއްބަސްވީމަ އެކަން ބަދަލު ކުރި މީހެކޭ މި ތެޅެ އަރުވަނީ.

  2. ހުއްދަވީތޯ

    މާސްކް ނޭޅުން ހުއްދަވީތޯ

  3. ހާށަވިޔަނި

    ޝަމީމު ބުނި ތަހުޤީޤުކުރާ ފަރާތްތަކުން ކުރާ ކަންތައްތަކުގެ ތެރެއަށް ނުވަންނާނަމޯ. އެއިރު 223މާއްދާ ނުފެނޭތޯ.