ފްރަންޓްލައިން ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަަސައްކަތްކުރާ މީހުންނަށް، ވަރަށް އަވަހަށް އެލަވަންސް ޖަމާ ކުރަން ފަށާނެ ކަމަށް ނެޝަނަލަ އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރު ކަމާއި ގުޅޭ އިދާރާތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދޭ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ އެލަވަންސް ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އޭނާ އަށް މައުލޫމާތު ދެއްވާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ސަރުކާރުން ނިންމި އެލަވަންސް މިދިޔަ މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ކުރިން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް މިދިޔަ މަހުގެ މުސާރަ ޖަމަވިއިރު އެލަވަންސް ލިބިފައެއް ނުވެއެވެ.

އެކި މުވައްސަސާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިން ކެޓަގަރީއަކަށް ބަހައި ތިން އަދަދެއްގެ އެލަވަންސް ދިނުމަށް ވަނީ ނިންމާފަ އެވެ. ކުރިން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ގޮތުގައި އެލަވަންސްދޭ މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި ބަލިމީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭ އެވެ. މީގެ އިތުރުން ބަލިމީހުން އެޑްމިޓްކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނޭނެއެވެ. އެމީހުންނަށް އެލަވަންސެެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ދެވަނަ ގިންތިއަކީ މީޑިއަމް ރިސްކް އޮންނަ ފަރާތްތަކެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ނުޖެހުނު ނަމަވެސް އެގޮތަށް މަސައްކަތް ކުރާ މީހުންނާއެކު މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވަންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތިން ވަނަ ގިންތިއަކީ ކުރީގެ ދެ ކެޓަގަރީއަށް ނުފެތޭ މީހުންގެ ތެރެއިން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސަައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް މަަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޒޫ

    ރައްޔިތުންގެ ކަރްންޓު ބިލުން ބޮޑުކުރި ބައިންތަ ލިބޭނީ.

    5
    1
  2. މަހުޖަނު

    އައްދެ އެޔޮށް ފަޅާލި ކަރައެއް .މުޅި ތާ މިއޮތީ އޮތް...ދެން މި އަހަރު ނިމޭއިރު މިގައުމުގަ ތިބޭނީ ހުސް މުއްސަނދިން

  3. ޔ

    ލިބޭނެ ލިބޭނެ އެމީހުން މުސްކުޅިވެ މަރުބަލީގައި އުޅެނީކޮށްތަ ތިޔަ އެލަވަންސް ލިބޭނީ ފޫހިވާފަހުން ލިބުމުން އުފަލެއް ނެތޭ ކޮންމެ މަހަކު ޚަރަދު ކުރަންބޭނުމޭ މަބުރޫކު ރަނގަޅުވާނީ މުޒާހަރާ ކުރަން އުޅުނިއްޔާ ނުވަތަ އައްޕަ އާއި އެކު ބެންކޮކުގައި މަސާޖު ޕާލާއެއް ހިންގަން އުޅުނިއްޔާ