އައު އާންމު ޙާލަތުގައި، ޖަލަށް ވަދެނިކުމެ ހަދާ ފަރާތްތަކުގެ ހުން ބެލުމަށްޓަކައި، ހުރިހާ ޖަލުތަކެއްގައި ތަރމަލް ކެމެރާ ހަރުކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން، މާފުށި ޖަލުގައި ތަރމަލް ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޖަލުތަކުގައި ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މާފުށީ ޖަލަކީ ތަރމަލް ކެމެރާ ހަރުކުރި ފުރަތަމަ ޖަލެވެ.

އައު އާންމު ޙާލަތުގައި، ޖަލަށް ވަދެނިކުމެ ހަދާ ފަރާތްތަކުގެ ހުން ބެލުމަށްޓަކައި، ހުރިހާ ޖަލުތަކެއްގައި ތަރމަލް ކެމެރާ ހަރުކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން، މާފުށި ޖަލުގައި ތަރމަލް ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށާފައިވާކަން ހާމަކޮށްފައި ވަނީ މިއަދުއެވެ.

މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޮވިޑް-19 އަށް ފައްސިވެފައި ވާތީ، އެޗްޕީއޭއާއި އެސަރވިސް ގުޅިގެން 101 ސުންކު މާލޭ ޖަލުން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ވަނީ ނަގާފައެވެ. އެ ސުންކުތައް ނަގާފައިވަނީ 70 އޮފިސަރުންނާއި މުވައްޒަފުން، 24 ޤައިދީންނާއި ބަންދުމީހުން އަދި 7 ވެއިޓަރުންގެއެވެ.

އެ ހުރިހާ އެންމެންގެ ސުންކުތައް (ސާމްޕަލްތައް)ވަނީ ނައްސިވެފައެވެ.

ކޮވިޑް-19 ރާއްޖެއިން އެންމެ ފުރަތަމަ ވެސް ފެނުމާއި އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ގައިދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޖަލު ގޮޅިތައް ދޮވެ ސާފުކޮށްފައިވާއިރު އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިވާ އެއްވެސް ގައިދީއަކު އަދި ބަންދު މީހަކުވެސް ކޯޓަށް ހާޒިރު ކުރުން ވެސް އޮތީ މެދުކަނޑާލައިފައެވެ.

ކަރެކްޝަންސް އިން ވަނީ ޖަލަށް ޑިއުޓީ ކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކް ކުރެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިފައެވެ. އަދި އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް އަންނަ މީހެއްގެ ފަރާތުން ރޯގާގެ އެއްވެސް އަސަރެއް ފެނިއްޖެނަމަ، ބައްދަލުވުމުގެ ފުރުސަތު ނުދެއެވެ. އެގޮތަށް ބައްދަލުވުން ކެންސަލްވާ ފަރާތްތަކަށް އޭގެ ބަދަލުގައި ފޯން ކޯލުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމިއެވެ. އަދި އޭގެފަހުން ގައިދީންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އާއިލާތަކާއި ގުޅޭނެ އިންތިޒާމު ކަރެކްޝަނުން ހަމަޖެއްސިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޖަލުތަކުގައި ކަރެކްޝަނުން އަޅާފައިވާ ހުރިހާ ފިޔަވަޅެއް އަޅާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާ ގުޅުންހުރި އެހެން އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހުއެވެ.