ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި، ހިޔާ ފްލެޓްތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެދިއްޖެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދަށް އިދިކޮޅުން ފޮނުވާފައިވާ ސިޓީގައި ބުނެފަައިވަނީ ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށާއި ސަރުކާރުން އަމަލުކުރާ ގޮތާއި މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

މިކަންބޮޑުވުންތަކާއި ގުޅިގެން އިދިކޮޅު 30 މީހުންގެ ޓީމަކުން ހިޔާ ފްލެޓްތައް ބަލާލަން ބޭނުންވާތީ އެ ފުރުސަތު ދިނުމަށް އިދިކޮޅުން ވަނީ އެދިފައެވެ.

އެހެން ކަމުން އަންނަ އާދިއްތަ ދުވަހުގެ ވަގުތެއްގައި ހިޔާ ފްލެޓް ބެއްލެވޭނެ ގޮތެއް ހަމަޖައިސައި ދިނުމަށް އިދިކޮޅުން ވަނީ އެދިފައެވެ.

ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލު ކޮށްގެން 434 މިލިއަން އެމެރިކާ ޑޮލަރު (6.6 ބިލިއަން ރުފިޔާ) އަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މިމަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ.

މި ލޯނަކީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްވެސް ހިމެނޭގޮތަށް ނަގާފައިވާ ލޯނެއް ކަމަށް އިދިކޮޅުން ބުނަމުން އަންނައިރު، ދާދިފަހުން ނޫސްވެރިންނަށް މައުލާތު ދެއްވަމުން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން އިތުރަށް 45 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
ނަމަވެސް ދުނުޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ސަބަބުން އެ ލޯނު ހޯދަން ކުރި މަސައްކަތް ލިބުން ލަސްވުމުން، ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނުނިމުނު ނަމަވެސް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޯގުޅާ އަހަންމަދު

    މިމީހުން ދާއިރުވެސް ކުރީގެ ސައިޒަށް އިމާރާތް ބަހައްޓާތި..އިތުރު ބަދަލެއްނުގެނެސް..

  2. ބެގީ ރަސީދު

    އަންމޯ ގަދައޭ

  3. ޞާލިޙު

    ޔާމީންގެ ސަރުކާރުން މިދިވެހިރާއްޖޭގެ ރައްޔިތުންންނަށް ކޮށްދެވުނު ވަރުގެ ގިނަ ކަންތައް މިސަރުކާރަކުން ނުވާނެ. އެފަދަ ޤާބިލް ވެރިޔަކު މިސަރުކާރަކު ނެތް މިސަރުކާރުން މިއުޅެނީ ހުސް އިދި ކޮޅުން ފަހާދުވަމުން. މިމީހުން އިންސާފުގެ ދަތުރުގެ ނަމުގައި މިރާއްޖޭގެ ރައްޔިތުންނަށް ވީ ވަޢުދު ދިޔައީ ބިލާހަކަށް ދޯ؟ބެނާ ތަކާއި ފާރުތަކުގައި އާއި ސަރުކާރު ޢިމާރަތް ތަކުގައި އިންސާފުގެ ދަތުރުގެ ނަމުގައި ލިޔެގެން އެއްރަށުން އަނެއްރަށަށް ގޮސް ދެއްކި ވާހަކަ އަކީ ވެރިކަން ފޭރިގަންނަން ދެއްކި ވާހަ އެއްވެސް ތާކުން ކުރެ ތާކު ނުޖެހުނު ކަމެއް.