ބ. އަތޮޅު ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުން ކަވަރުކުރުމަށް ފުލުހުން މީޑިއާތަކަށް ހަމަހަމަ ފުރުސަތު ނުދޭ ކަމަށް މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ވިދާޅުވެއްޖެ އެވެ.

އެމްއެމްސީން މިރޭ ދަންވަރު މިކަން ހާމަކޮށް ބަޔާނެއް މި ނެރުނީ، ރާއްޖޭގެ އެންމެ ބޮޑެތި މީޑިއާތަކަށް ފުރުސަތު ނުދީ މީޑިއާތަކަށް އެންގުމަކާއި ނުލައި، ދެ މީޑިއާއެއް ގޮވައިގެން ފުލުހުން ބޮޑުފިނޮޅަށް ފުރާފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން މިރޭ މީޑިއާ ކައުންސިލުން ޓްވީޓާގައި ވިދާޅުވެފައި ވަނީ، ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން ވެސް ފަހަކަށް އައިސް، ގައުމުގައި ހިނގާ މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި ފުލުހުންގެ އިދާރާއިން މީޑިއާތަކަށް އެކަށީގެންވާ މައުލޫމާތު ދިނުމުގައި ފަސް ޖެހޭކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.

އެހެންކަމުން، ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށް ޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި ވީހާވެސް ބޮޑަކަށް އަދި އަވަސްމިނުގައި މީޑިއާތަކަށް މައުލޫމާތު ދިނުމަށް، ފުލުހުންނަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

"ހަމަހަމަ ކަމާއި އިންސާފުވެރިކަމާ އެކު މައުލޫމާތު ލިބުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ މި ކައުންސިލްގެ ގާނޫނީ ޒިންމާއެކެވެ. މީގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މައުލޫމާތު ފެތުރުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭތޯ މި ކައުންސިލުން އަބަދުވެސް ދަނީ ބަލަމުންނެވެ." މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.

ބޮޑުފިނޮޅުގެ ހާދިސާ ކަވަރު ކުރުމަށް ފުލުހުން ދެ މީޑިއާއަކަށް ފުރުސަތު ދީފައިވާކަން ފަޅާއެރީ ފުލުހުން ފުރާ މަންޒަރު ފޮޓޯ ނަގަންގޮސް ތިބި ނޫސްވެރިންނަށް ފެނުމުންނެވެ.

"އަޅުގަނޑުމެންނަށް ފެނުނީ ދެތިން ދުވަހަށް ވާވަރަށް އެއްޗެހި ހިފައިގެން ގޮސް ދެ މީޑިއާއެއްގެ ބަޔަކު ފުލުހުންގެ ލޯންޗަށް އެރިތަން،" މަންޒަރުދުށް ނޫސްވެރިޔަކު ބުންޏެވެ.

ފުލުހުން ސިއްރުން ދެ މީޑިއާއަކަށް ފުރުސަތުދިންކަން ފަޅާއަރައި މައްސަލަ ހޫނުވުމުން ފުލުހުން ވިދާޅުވީ، ލޯންޗުގައި ގައިދުރުކަން ބަހައްޓަން ޖެހޭތީ ފުރުސަތު ދެވުނީ "ލިމިޓެޑް މީޑިއާ" ތަކަށް ކަމަށެވެ. ނަމަވެސް މީޑިއާތަކުގެ ސުވާލުތައް ތަކުރާރުވާން ފެށުމުން ފުލުހުންގެ މީޑިއާ ބޭފުޅުން މިހާރު ވަނީ، ފުލުހުންގެ މީޑިއާ ގްރޫޕުން "ގެއްލިފަ" އެވެ.

ފުލުހުން ދެ މީޑީއާއަކަށް ފުލުހުންގެ ލޯންޗުގައި ހާދިސާ ހިނގައިގެންއުޅޭ ބޮޑުފިނޮޅަށް ދިއުމުގެ ފުރުސަތު ދިނީ، އޮޕަރޭޝަންގައި ފުލުހުން އެރަށަށް ދިއުމަށް ތައްޔާރުވަމުންދިޔަ ވަގުތު އެކަން ކަވަރުކުރަން ގިނަ މީޑިއާތަކުން ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިކަމާއި ގުޅިގެން މީޑިއާތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކަހުރަބު

  ޑިކްޓޭޓަރ މަޖިލިސް ރައީސް ބުނާގޮތަށް ފުލުހުން އެ ކަންތައްކުރަނީ

  24
  2
 2. މޯޑް

  ޔަޤީން ތިއުޅޭ ރ ޓީވީ އިންނާނެ އޭގެތެރޭ

  28
  2
 3. ޟިގު

  ޜ ޓީވީ އާއި ޕީ އެސް އެމް ތާ؟

  20
  1
 4. ުއުނދުޅި

  ތަންވަޅު އެބަޔަކު މިނި ކަޅިއަކުން އެބަޔަކާ ދޭތެރޭ މިނެންޖެހޭނީ މިހާރު ހުންނާނީ ރާކަނިމަސްކެވިފަ.

  4
  8
 5. ުއުނދުޅި

  ރަންގަޅު އެބަޔަކު މިނި ނާޅިއަކުން އެބަޔަކާ ދޭތެރޭ މިނެންޖެހޭނީ މިހާރު ހުންނާނީ ރާކަނިމަސްކެވިފަ.

  5
  10
 6. ހޯރަ

  ރާއްޖެޓީީވީއަށް ގަޑިއަށް ނުދެވުނީމަ ދަންވަރު ބަޔާން ނެރެނީ.... ވަރަށް ސާފު

  5
  2
 7. ނަައީމް

  ކޮބާ ކުދިން މިވަނީ ކިހިނެއް ހަމަނުޖެހުން ކަވަރުކުރުމަށް ފުލުހުން މީޑިއާތަކަށް ހަމަހަމަ ފުރުސަތު ނުދޭ - މީޑިއާ ކައުންސިލް އިން މިއޮތީ އިއުލާން ކޮށްފާ ދެންވެސް ބުނާނެ ރައީސްޔާމީނު ބުނެގެނޭ އިސްތިއުފާ

  9
  2
 8. ޙހހހ

  ތި ދިޔައީ ތި ކައުންސިލްގެ ދުވަސް، މަޖިލިސް ތަހްޤީޤް އިދާރާއިން ތިކަން ހަމަޖއްސާލާނެ