ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީއަށް ރޭ ވާރޭ ވެހި ބައެއް އަވަށްތަކުގައި ފެންބޮޑުވެއްޖެއެވެ.

ބޯކޮށް ވާރޭ ވެހި ފެން ބޮޑުވި އައްޑޫ ސިޓީގެ އަވަށްތަކަށް ސިފައިންނާއި، ހައުސިން މިނިސްޓްރީއާއި، ޕަބްލިކް ވޯކްސް ސާވިސް އާއި ހިތަދޫ ފަޔަރުން ނުކުމެ ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

ރޭ ވިއްސާރަކޮށް ފެންބޮޑުވެފައިވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން ފެން އެންމެ ބޮޑުވީ ހިތަދޫގައިއެވެ. އެންމެ ބޮޑަށް ފެންބޮޑުވި ހިތަދޫގެ ތިން ދިމާއެއްގައި ހައިމާކުން ކޯރު ކޮނެގެން މިހާރުވަނީ ފެން ބޭރުކޮށްފައެވެ.

އައްޑޫގައި ފެންބޮޑުވެފައި
އައްޑޫގައި ފެންބޮޑުވެފައި

އޭގެ އިތުރަށް މަރަދުއާއި، މަރަދޫފޭދުއާއި، ފޭދޫގައި ބޮޑުވި ފެން ހިއްކައިފައިވަނީ ސިފައިން ނުކުމެ ޕަންޕު ޖަހައިގެނެވެ. ރޭ ފެން ބޮޑުވެ ބައެއް މަގުތަކާއި ގޯތިތެރެއަށް ވަނީ ފެންވަދެފައެވެ. އޭގެ ސަބަބުން އެއްޗެއްހި ދުއްވުމަށާއި ހިނގައި ބިނގައި އުޅުމަށްވެސް ވަރަށް ބޮޑަށް ވަނީ ދަތިވެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިހަފްތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ. މިއަދު ވެސް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

ރޭ އއ.ބޮޑުފޮޅުދޫ އަށް ނަގޫރޯޅިއެއް އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެރަށަށް ނަގޫރޯޅި އަރާފައިވަނީ ރޭ ގާތްގަނޑަކަށް 22:20 ހާއިރުއެވެ.

ބޮޑުފުޅަދޫ ކައުންސިލުން ވިދާޅުވީ ނަގޫރޯޅީގެ ސަބަބުން އެރަށުން ހަ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ގުޅޭ ދުވަސްވަރަށްވާތީ ކުރަމުންދާ ވިއްސާރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ވަކި ދައުލަތެއް ހަދަން ކުރާ މަޝްވަރާތައް ކުރުން އަދިވެސް ކުރިއަށް އެބަދޭތަ.. ފެންބޮޑުވިއްޔާ އަހަރެމެން ކުރާނީ ކީއް...