ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއީއޭ) މީހަކު ފުރުވަން ދާ ނަމަ، އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން އެޅި އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ ބޯޑަރުތައް ބަންދުކުރުމެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތައް ވެސް ދެ މަހެއްހާ ދުވަސް ވަންދެން މެދުކަނޑާލިއެވެ.

ފުރަބަންދަށް ދިން ލުއިތަކުގެ ދަށުން އެތެރޭގެ އުދުހުންތައް ވަނީ ފަށައިފައެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ބޭރުގެ ދަތުރުތައް ފެށުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

އެމްއޭސީއެލް އިން ކުރި ޓުވީޓެއްގައި ވިދާޅުވީ ފަސިންޖަރުން ފުރުވުމަށާއި ލަފާތަނަށް އެކަކަށް ވުރެ ގިނަ މީހުން ނުދިއުމަށް އެދޭ ކަމަށެވެ. ކޮވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖެ އަށް އަދި ކުޑަނުވާ ކަމަށާއި ރައްޔިތުންނާއި މުވައްޒަފުންގެ ސަލާމަތަށް އިސްކަން ދޭނެ ކަމަށެވެ.

އެމްއޭސީއެލް އިން ވަނީ ވީއައިއޭގެ ޓާމިނަލްތަކުގައި ގައިދުރުކުރަން ހިތްވަރު ލިބޭ ފަދަ ނިޝާންތައް ގާއިމްކޮށްފައެވެ.