ރޭޕް އާ ދެކޮޅަށް މިއަދުވެސް މާލޭގައި މުޒާހަރާކޮށްފިއެވެ.

މިއަދު ހަވީރު 16:00 އިން ފެށިގެން ޒުވާނުންގެ ބަޔަކު މާލެ މަޖީދީ މަގުގައި ހުންނަ ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވެ ވަނީ އަޑު އުފުލާފައެވެ.

މިއަދުގެ މުޒާހަރާވެސް އިންތިޒާމްކޮށްފައި ވަނީ ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުންނެެވެ. މިފަހުން އާއްމުންގެ ސަމާލުކަމަށް އައި ސަފާރީ ރޭޕް ކޭސްއަށްފަހު ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން ދަނީ ރޭޕް އާއި އަނިޔާއާ އާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުންނެވެ.

މި މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ވަނީ، މާސްކް އެޅުމަށާއި، އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން މުޒާހަރާ ކުރިއަށްގެންދިއުމުގައި ސަމާލުކަން ދިނުމަށް އެންމެންނަށްވެސް ނަސޭހަތްތެެރިވެފައެވެ.

ރާއްޖެއިން މިފަހަކަށް އައިސް ރޭޕް ކޭސްތައް ދަނީ އިތުުރުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ރޭޕްގެ އެތައް މައްސަލައެއް ފެންމަތިވިއިރު، އެ މައްސަލަތަކުގައި ބަޔަކު ވަނީ ހައްޔަރުވެސްކޮށްފައެވެ. އަދި މީގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަށް މިހާރު ވަނީ ދައުވާ ކުުރަން ފޮނުވާފައެވެ.