ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި މާރިޗު 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ނުހުޅުވާގޮތަށް ހަމަޖައްސާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، މާދަމާ ފެށިގެން ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާތީވެ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދުގެ ނަމުގައި ޢާންމުކޮށްފައިވާ ސުޕްރީމް ކޯޓުގެ ސަރކިއުލަރ ބާޠިލުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ އެންމެހައި މަސައްކަތްތައް މާދަމާ އިން ފެށިގެން ރަސްމީ ގޮތުން ފެށުމަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނީ ކޯޓުތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޞިއްޙީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުތަކާއި މިންގަނޑުތަކަށް ރިއާޔަތްކޮށް، އެ ކޯޓެއް ނުވަތަ އެ ސަރަހައްދުގައި ހުންނަ ކޯޓުތަކުން މަސައްކަތްކުރުމަށް ހަމަޖައްސާ އުސޫލަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ދަންނަވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ސުޕްރީމް ކޯޓުން ކުރިން ނެރުނު ސާކިއުލާއެއްގައި ކޯޓަށް މުވައްޒަފުން ހާޒިރުވެގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނަމަ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާގުޅިގެން މެދުކެނޑިފައިވާ ޝަރީޢަތްތައް އެ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ދަންނަވައި، އިތުރު ފިޔަވަޅުތައް އެޅުމަށް އެންގިއެވެ.

މާދަމާ އިން ފެށިގެން ކޯޓުތައް ހުޅުވަން ސުޕްރީމް ކޯޓުން އެންގި ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޯޓުތައް ހުޅުވަން އަންގާފައެވެ. އެއެންގުމާއި އެއްގޮތައް މިހާރު ވެސް މެޖިސްޓްރޭޓް ކޯޓުތައް ހުޅުވައި އައީ ޚިދުމަތް ދެމުންނެވެ.