ކޮވިޑް-19 އަށް ފައްސިވީ ހުރަވީ ސްކޫލްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅެއް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮކްޓަރ ނަޒްލާ ރަފީގު ވިދާޅުވީ ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅަކު ކޮވިޑް-19 އަށް ފައްސިވިއިރު އެބޭފުޅާ މިދިޔަ ހަފްތާގެ ދެދުވަހު ސްކޫލަށް ވެސް ވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް މާސްކް އަޅުވައިގެން އަދި ގައިދުރުކަން ބަހައްޓަވައިގެން މަސައްކަތް ކުރައްވާފައި ވާތީ އެކަހެރި ކުރަން ޖެހުނީ ސްކޫލްގެ ތިން މުވައްޒަފަކު ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މާސްކް އަޅުވައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޮލޯ ކުރާނަމަ މީހަކު ޕޮޒިޓިވްވި ނަމަވެސް އެކަހެރި ކުރަން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދޭ. އަދި ނުރައްކާ ވެސް ކުޑަވެގެންދޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ހުރަވީ ސްކޫލްގެ އިސް ބޭފުޅަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެ ސްކޫލާއި މެދު އިތުރު ފިޔަވަޅެއް އެޅުމަށް ނިންމާފައެއް ނުވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސްކޫލްތައް ބަންދުކޮށްފައި ހުންނަތާ ހަތަރު މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް ސްކޫލްތައް އަލުން ހުޅުވީ މިދިޔަ ބުދަ ދުވަހު އެވެ. ސްކޫލްތައް ހުޅުވާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފަހު އެވެ.

މިހާރު ސްކޫލަށް ދާއިރު ޓީޗަރުންނާއި ސްކޫލް މުވައްޒަފުން އަދި ދަރިވަރުން ވެސް ތިބެން ޖެހެނީ މާސްކް އަޅައިގެންނެވެ. އަދި ދަރިވަރުންގެ މެދުގައި ގައިދުރުކަން ބެހެއްޓޭނެ ގޮތައް ހުރިހާ ކަމެއް ވެސް ވަނީ އިންތިޒާމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ﷲ ޝިފާ ދެއްވާޝި

    14
    1