ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދަން ފަށައިފިއެވެ.

ކޭއާރުއެޗުގައި ހުރި ޕީސީއާރު މެޝިނުން ދުވާލަކު 72 ސާމްޕަލް ޓެސްޓް ހެދޭނެއެވެ. މިވަގުތު އެކަމަށް ބޭނުންވާ ތަމްރީނު ފުރިހަމަ ކޮށްފައި ވަނީ ދެ ލެބް ޓެކްނޮލޮޖިސްޓުންނެވެ.

ޕީސީއާރު މެޝިންއާއި ގުޅޭ ސާމާނުތައް 17 ޖޫންގައި އެ ހޮސްޕިޓަލަށް ވަނީ ލިބިފައެވެ. ޑަބްލިއު އެޗްއޯއިން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.

"ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތައްޔާރު ކުރާ ޕީސީއާރު ލެބްގެ މަސައްކަތް ނިމި މިހާރު ޓެސްޓް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި،" ކުޅުދުއްފުށި ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ހަ ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓުކުރަން، ޖީން އެކްސްޕާޓް ކާޓްރިޖް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިދިޔަ މަހުގެ 30ވަނަ ދުވަހު ވަނީ ރާއްޖެ އަށް ހަދިޔާކޮށްފައެވެ. އެގޮތުން ށ. އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ގއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ސާމާނު ވަނީ ހަވާލުކޮށްފައެވެ.

އައިޖީއެމްއެޗުގައި އެންމެ ފުރަތަމަ ކޮވިޑަށް ޓެސްޓު ހެދީ މިިދިޔަ ފެބްރުއަރީ 29 ގައެވެ. އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ޓެސްޓް ހެދީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި މަހުގެ 21 ގައެވެ.