މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖަޢާކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މި ފުރުޞަތަކީ މިހާރު އޮތް ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، އެ ދަފްތަރު މުރާޖަޢާ ކުރަން ނިންމާފައިވާތީ، މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުުށެހެޅުމަށް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަަމަށެވެ.

މިގޮތުން މާދަމާ އިން ފެށިގެން 23 ޖުލައިގެ ނިޔަލަށް ފޯމު ހުށަހެޅުން ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއަހަރު ފިޠުރު ޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެ އެވެ.

މީގެ އިތުރުން ދަފްތަރުން ވަކިވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ދިރިއުޅޭ ރަށް ބަދަލުވެ މިހާރުގެ ރަށުގެ ދަފްތަރަށް ބަދަލުވުމަށް އެދޭނަމަ، އެކަން ބަޔާންކޮށް ސިޓީހުށަހެޅުމަށްވެސް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

މާލޭސިޓީގައި ދިރިއުޅޭ ފަރާތްތަކުން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހޯލުގައެވެ. ކޮންމެ ދުވަހަކުވެސް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 50 ފަރާތަކަށް ކަމަށާއި، އަދި ނަމްބަރު ދޫކުރުމާއި ފޯމު ބަލައިގަތުން ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް 9:00 އިން 13:00 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެއިތުރުން މާލެސިޓީގައި ދިރިއުޅޭ ފަރާތްތަކުން ފޯމުހުށަހެޅުމަށް އަންނައިރު، މާސް އަޅައިގެން އައުމަށާއި، އެކަކަށްވުރެ ގިނަ މީހުން ނައުމަށާއި، ކުޑަކުދިންގެ ނުގެނައުމަށާއި، ރޯގާ ނުވަތަ ހުމުގެ އެއްވެސް ޢަލާމާތެއް ހުރި ނަމަ ނައުމަށާއި، ގައިދުރުކަން ބެހެއްޓުމާއި ފޯމު ހުށަހެޅުމަށްފަހު މަޑުނުކޮށް ދިއުމަށާއި، ފޯމު ހުށަހަޅާ މީހުން އެހެން މީހުން އެ ސަރަހައްދަގައި މަޑުނުކުރުމަށް ނަސޭހަތްތެރިވެފައި ވެއެވެ.

މާލެ ފިޔަވައި ރަށްރަށުގައި ފޯމު ބަލައިގަތުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސާނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ.