ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ބާއްވާ ހާއްސަ ފްލައިޓު މިމަހުގެ އަށެއްވާ ބުދަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ ލަންކާ އިން މީހުން ގެންނަން ބާއްވާ ހާއްސަ ރެޕަޓްރިއޭޝަން ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަސިންޖަރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ހާލުބެލުން ޕޯޓަލްގައި ރެޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

ރާއްޖެ އަންނަން ބޭނުންވާ މީހުން ޓިކެޓު ގަންނަން ޖެހޭނީ އަމިއްލަ އަށެވެ. ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަން ގުޅިގެން މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ހާއްސަ ފްލައިޓުތައް ބާއްވާފައިވެއެވެ.

މީގެއިތުރުން އިތުރު އެއާލައިންތައް މެދުވެރިވެގެން ވެސް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ވަނީ ގެނެސްފައެވެ. ރާއްޖެއިން ބޭރުން އަންނަ މީހުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ފްލައިޓުތަކުން ފުރުސަތު ލިބުމަށްފަހު ފަހު ވަގުތު ޖާގަތައް ދޫކޮށްލާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެންމެ ފަހުން މިދިޔަ މަހުގެ 15ވަނަ ދުވަހު އަދި 17ވަނަ ދުވަހުވެސް ވަނީ މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ހާއްސަކޮށް މޯލްޑިވިއަންގެ ދެ ފްލައިޓެއް ބާއްވާފައެވެ.