ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ހޯދަމުންދިޔަ، ސިއްހީ އެކި ބަލިތަކެއް ހުރި އުމުރުން 71 އަހަރުގެ ދިވެހި ފިރިހެނަކު ބަލިން ރަނގަޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ޕިޒިޝަން ޑރ. މުހައްމަދު އަލީ "ވަގުތު" އަށް ވިދާޅުވީ، އެ ފިރިހެން މީހާ ބަލިން ރަނގަޅުވެފައިވަނީ ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަތާ ދެ މަހާ ހަތް ދުވަސް ފަހުން ކަމަށެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެ މީހާއަކީ ސިއްހީ އެކި ބަލިތައް ހުންނަ މީހެއް ކަމަށާއި ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ އިއްޔެގެ ވަގުތެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލިއިރު، އަމިއްލަ އަށް ހިނގާ އުޅެވޭ ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

"އެމީހާއަކީ އެއީ ލޭމައްޗަށް ދާ މީހެއް. ހަކުރު ބަލި ހުންނަ މީހެއް އަދި ކުރިން ވާގިނެތޭ ބަލި ހުންނަ މީހެއް. މިހާރު ހޮސްޕިޓަލުން ނިކުމެގެން އެދިޔައީ ހެޔޮ ހާލުގައި" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މުހައްމަދު އަލީ އިތުރަށް ވިދާޅުވީ، އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށާއި، ވެންޓިލޭޓަރު ނެގުމަށް ފަހު، ވައިޕަޕް މެޝިނަށްވެސް ގުޅާފައި އޮތް ކަމަށެވެ. މި މެޝިނަކީ އެއީ ވެންޓިލޭޓަރުން ނަގާ މީހުން އަލުން ވެންޓިލޭޓަރަށް ލާން ނުޖެހޭ ގޮތަށް ފަރުވާ ދޭ މެޝިނެކެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކަށް ވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމަށް އެކި ބަލި ތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނެވެ. މި މީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރި އިރު، ނިއުމޯނިއާގެ އަލާމާތްތަކެއްވެސް ހުރި ކަމަށާއި އެހެން ނަމަވެސް ދޫކޮށްލިއިރު، ނިއުމޯނިއާ ރަނގަޅުވެފައިވާ ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ 2,435 މީހުންނަށެވެ. އޭގެ ތެރެއިން 2030 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެންމެ އުމުރުން ދުވަސްވީ މީހަކަށް ބަލިން ރަނގަޅުވެފައިވަނީ 92 އަހަރުގެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ކޮވިޑް 19 ނޫނަސް ނިޔުމޯނިޔާ ޖެހެނީ ސައިނަސް ގެ މައްސަލަ ބޮޑަށް ހުންނަމީހުން ތިޔަ 71 އަހަރުގެ މީހާ އަކީ ސައިނަސްގެ އެއްވެސް އަސަރެއް ނެތް މީހަކަށް ވާނީ ސައިނަސް ބޮޑަށް ހުންނަ މީހުން ވެންޓިލޭޓަރަށް ލުމުން ފިނި ބޮޑުވުމާ ނޭވާހޮޅިން ކަރުތެރެއަށް ޖަމާވާ އަރިދަފުސް ފުއްޕާމެޔާ ހަމަޔަށް ގޮސްގެން. ކަމަށް ލަފާވޭ.ކޮވިޑްގަ ދުވަސްވީމީހުންމަރުވަނީ އުމުރު މަތިވެގެން ގިނަބަލިތަކެއް ހުރެގެނެއްނޫން އެކަށީގެންވާގޮތުގަ ބަލިމީހުނަށް އަޅާނުލެވެތީ ކަރުތެރެއަށް ޖަމާވަމުންދާ ދަވަތައް ނުދެމޭތީ ދަވަގިނަވެގެންގޮސް ނޭވާލުމަށް ދަިތި ހޮޅިބެދި ގެންދަނީ މިއީސަމާލުކަންދޭންޖެހޭކަމެއް.

  2. މީ

    އަލްހަމްދު ލިﷲ