މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވާތީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ދޯންޏަކީ މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށާއި، ދޯނީގައި ހަ މީހަކު އެބަތިބި ކަމަށެވެ.

"ވިލެޖް 4 " ނަމަކަށް ކިޔާ މި ދޯންޏަކީ މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރި 94 ފޫޓުގެ ދޯންޏެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އަދި ދޯނި ދިޔަވާން ފެށީ ލ. މާންދޫގެ ހުޅަނގުން ތިން މޭލު ބޭރުން ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިރޭ 12:10 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެއާއެކު ސިފައިން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ކިތައް ދިވެހިން ކަމާއި ކިތައް ބިދޭސީން ކަމެއް އަދި ނޭނގެއެވެ. އަދި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއްވެސް އަދި ލިބިފައި ނުވެއެވެ.