ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިވަގުތު އުޅުއްވަނީ ވަރަށް އާލާސްކަންފުޅާ ކަމަށާއި އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިން ކުށް ސާބިތުވެ އިއްވާފައިވާ ހުކުމްގެ އިސްތިއުނާފް މަރުހަލާ ނިމެންދެން ގެއަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދު ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ގޮވާލައްވައިފިއެވެ.

ޖާބިރު "ވަގުތަށް" ވިދާޅުވީ މިވަގުތު ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ޖަލުގައި ބެހެއްޓުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަރިހުން އެދިވަޑައިގަންނަވާފައިވާނެ ކަަމަށެވެ.

ރައީސް ޔާމީނަކީ ގައުމުގެ ވެރިކަން ކުރައްވާ، ގައުމަށް ކަންތައްތަކެއް ކުރެއްވި ބޭފުޅަކަށްވާ އިރު އެމަނިކުފާނާ މެދު ކަންކަން ކުރަން ޖެހޭނީ ވަކި އަހުލާގެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ކޮންމެވެސް ކަހަލަ ލުއިތަކެއް ދެއްވަން އެބަޖެހޭ. އެއީ ވަރަށް ދެން ބަލިކޮށް އުޅުއްވަނީ. ގައުމަށް ހިދުމަތް ކުރި މީހަކު އެހެން ހުންނަ އިރު މަތީ މަރުހަލާގެ ކޯޓުތަކުން ގޮތް ނިންމަންދެން ގެއަށް ބަދަލުކޮށްދޭން އަޅުގަނޑަށް ފެނޭ." ޖާބިރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު މިހާރު ރަނގަޅު ނޫން ކަމަށާއި އެމަނިކުފާނަށް މިހާރު ހިނގާބިނގާވެ އުޅެން ވެސް އުނދަގޫކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެއް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ރައީސް ޔާމީން އަށް ލިބެންޖެހޭ ސިއްހީ ފަރުވާގެ ކަންކަން ހަމަޖައްސަވާދެއްވާނެ ކަމަށް ސަރުކަރުން ވިދާޅުވި ނަމަވެސް އެކަން ކުރަމުން ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތްތަކުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ބަލި ހާލަތު ރަނގަޅު ނޫންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނީ ލައުންޑަރ ކުރުމުގެ މައްސަލަ ތަހުގީގުކުރުމަށް އެމަނިކުފާނު ހައްޔަރު ކޮށްފައި ބެހެއްޓި މުއްދަތުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލަ އާއި ކުރިމަތިލާން ޖެހުނުކަމަށް ފާހަގަކުރައްވާފައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާް

    ޖާބިރު ކަލޭ މަޑުން ހުރޭ. ރައީސް ޔާމީނު ކަލޭގެ އެހީތެރިކަމެއް ބޭނުމެއް ނުވޭ. އަހަރެމެންވެސް ކަލޭގެ ތި "އޯގާތެރިކަން" ބޭނުމެއްނޫން. މާ ބޮޑަށް ދެއްކެން ދުވާލަކު ކަމެއް ކުރާނެ ކަމެއްނެތް.

    10
  2. ރާގޮޑިރާޖަ

    ޖާބިރެއް ކަމަ ކު ވަގުންހިމާޔަތް ކުރަން ނޫޅުއްވާތި.

    16