އިންޑިޔާގެ އެކި ސަރަހައްދުތަކަށް ކުރިމަތިވި ވެލީގެ ތޫފާނާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވެލީގެ ތޫފާނުގައި އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް ގެއްލުން ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރު އޮތީ އިންޑިޔާއާ އެކުގައި ކަމުގައި ވިދާޅުވެ، އިންޑިޔާގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް، އަދި ޚާއްޞަ ގޮތެއްގައި މިޙާދިސާގެ އަސަރު ކުރި ފަރާތްތަކަށް ޙަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދު ކޮށްދެއްވުމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު