މުޅި އަހަރުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު 4 އިންސައްތައިން ދަށްވުމުގެ ސަބަބުން، 2021 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެނީ، 641،921 ފަތުރުވެރިން ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެކުލަވާލި ދިރާސާއަކުން ދައްކައިފިއެވެ.

މިއީ ކޮވިޑް-19 ވަބާގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް، މިހިނގާ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ކުރާނޭ ކަމަށް ބެލެވޭ އަސަރުތައް ދެނެގަތުމަށް، ދިވެހިރާއްޖޭގެ
ރައްޔިތުންގެ މަޖިލީހުގެ އެދި ވަޑައިގަތުމަކަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރި ދިރާސާއެކެވެ.

ދިވެހިރާއްޖޭގެ އިޤުތިޞާދީ ދުވެލި ދަށްވާނެކަމުގެ އެންމެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ވަބާގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތް އެއްކޮށް ހުއްޓި، ބޯޑަރުތައް ބަންދުވުމާއި އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ޞިނާޢަތްވެސް ވަރަށްބޮޑަށް ހީނަރުވެފައިވުން ކަމަށް އެމްއެންޔޫގެ ދިރާސާގައި ބުނެފައިވެއެވެ. އެގޮތުން، މިއަހަރު މާޗު މަހުގައި ދުނިޔޭގައި ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 57 އިންސައްތަ ދަށްވެފައިވާ ކަމަށް، ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫއެން ޑަބްލިޔުޓީއޯ) އިން ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި އެ ޖަމިއްޔާއިން ލަފާކުރާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ދުނިޔޭގެ ފަތުރުވެތިކަން 22 އިންސަތައިން ދަށްވެ، މުޅި މިއަހަރުގެ ތެރޭގައި ދުނިޔޭގައި ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 58 އިންސައްތައާއި 78 އިންސައްތައާ ދެމެދުގެ އަދަދަކުން ދައްވާނެ ކަމަށް ބުނެފައިވާ ކަމަށް އެމްއެންޔޫގެ ދިރާސާގައި ބުނެފައިވެއެވެ.

އެ ދިރާސާ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ކޮވިޑު-19 ގެ ސަބަބުން މިއަހަރު މާޗު މަހުގެ ތެރޭގައި، 2019ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 63 އިންސައްތަ ދަށްވެގެން ގޮސްފައިވާ ކަމަށެވެ. މިއަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭގައި ރާއްޖެއަށް 2،932 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދިރާސާ ރިޕޯޓުގައި ބުނީ އެއީ 2019ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 21 އިންސައްތައިގެ ދަށްވުމެއް ކަމަށެވެ. އަދި އެމްއެމްއޭ އާއި މިނިސްޓްރީ އޮފް ފިނޭންސުން ލަފާކުރާ ގޮތުގައި، މުޅި މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 43 އިންސައްތަ އާއި 77 އިންސައްތައާއި ދެމެދުގެ މިންވަރަކުން ދަށްވާނެ ކަމަށް ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ފަތުރުވެރިކަމުގެ ވުޒާރާއިން އުންމީދުކުރައްވަނީ، ޖުލައި މަހުގައި ބޯޑަރުތައް ހުޅުވާލެވިއްޖެ ނަމަ، ޖުމްލަ 546،845 ފަރުތުވެރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެކަމުގައެވެ. އެހެންނަމަވެސް، އެންމެފަހުން ލިބިފައިވާ ހިސާބުތަކުންނާއި ކޮވިޑު-19 ވަބާއަށް ފަހު ބޯޑަރުތައް ހުޅުވާލެވުން ލަސްވަމުންދާތީ އާއި ދުނިޔޭގެ އިޤުތިޞާދުތަކަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން، މިއަދަދު މިއަށްވުރެ ދަށްވާނެ ކަމަށް މިހާރުވެސް ލަފާކުރެވެ." ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.

އެމްއެންޔޫގެ ދިރާސާގައި ބައިވެރިވެފައިވާ ގިނަ ފަރާތްތަކުން ބުނެފައިވަނީ އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އަދި އަންނާނީ އިޓަލީވިލާތުން ކަމަށެވެ. އެއީ 2019ގައި 27 އިންސައްތަ، 2020ގައި 25 އިންސައްތަ އަދި 2021ގައި 32 އިންސައްތައެވެ. ދެވަނައަށް ރަޝިޔާއިން އަދި ތިންވަނަ އަށް ޖަރުމަނުންނެވެ. ފަތުރުވެރިކަމުގެ ވުޒާރާގެ ތަފާސް ހިސާބުގައިވާ ގޮތުގައި 2019 ގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިން، ދެވަނައަށް އިންޑިޔާއިން އަދި ތިންވަނައަށް އިޓަލީއިންނެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރު (އެޕުރީލު-ޖޫން)ގައި ދިރާސާގައި ބައިވެރިވި 34 ފަރާތަކުން ބުނީ އޮކިޔުޕެންސީ ލަފާކޮށްފައި ވަނީ ސުމެއްގައި އުޅޭނެ ކަމަށެވެ. ތިންވަނަ ކުއާޓަރު (ޖުލައި-ސެޕުޓެންބަރު)ގައި އޮކިޔުޕެންސީ އުޅޭނީ 30 އިންސައްތައިން ދަށުގައި ކަމަށް 28 ފަރާތަކުން ބުނެފައި ވެއެވެ. ހަތަރުވަނަ ކުއާޓަރުގައި ވެސް އޮކިޔުޕެންސީ އުޅޭނީ ހަމަ އެ ވަރުގައި ކަމަށް 22 ފަރާތަކުން ބުނެފައި ވެއެވެ.

އެންމެ ގިނަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮކިޔުޕެންސީ އުޅޭނީ 60 އިންސައްތައާއި 90 އިންސައްތައާއި ދެމެދުގައި ކަމަށެވެ. ދެވަނަ ކުއާޓަރުގައި އޮކިޔުޕެންސީ 30 އިންސައްތައާއި 60 އިންސައްތައާ ދެމެދުގައި އުޅޭނެ ކަމަށް 21 ފަރާތަކުން ބުނެފައި ވެއެވެ. ތިންވަނަ ކުއާޓަރުގައި ވެސް އޮކިޔުޕެންސީ އުޅޭނީ ހަމަ އެހާ ހަމައިގައި ކަމަށް 23
ފަރާތަކުން، ބުނެފައިވާއިރު ފަހު ކުއާޓަރުގައި އޮކިޔުޕެންސީ 60 އިންސައްތައާއި 90 އިންސައްތައާ ދެމެދަށް މަތިވާނެ ކަމަށް 24 ފަރާތަކުން ބުނެފައި ވެއެވެ.

ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 39 އިންސައްތަ ބުނީ 2019 ވަނަ އަހަރު އެތަންތަނަށް ލިބިފައިވަނީ 100 ހާސް ޑޮލަރަށްވުރެ މަދުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ގެސްޓް ހައުސްތަކާއި ބައެއް އުޅަނދުތަކެވެ. 21 އިންސައްތަ ބުނީ އެ އަހަރު ލިބިފައިވަނީ 100 ހާހާއި 500 ހާހާ ދެމެދުގެ އަދަދެއް ކަމަށެވެ. މިގިންތީގައި ގިނައީ ބޮޑެތި ގެސްޓް ހައުސްތަކާއި އުޅަނދުފަހަރެވެ. 500 ހާހާއި 1 މިލިއަން ރުފިޔާއާ ދެމެދު ލިބިފައިވާ ކަމަށް 14 އިންސައްތަ ބުނެފައިވެއެވެ. މިގިންތީތަކުގައިވެސް ގިނައީ ބޮޑެތި ގެސްޓް ހައުސްތަކާއި އުޅަނދުތަކެވެ.

ޖަވާބުދިން ގިނަ ރިސޯޓުތަކަށް 2019 ގައި ލިބިފައިވާކަމަށް ބުނެފައި ވަނީ ފަސް މިލިއަނާއި 20 މިލިއަނާ ދޭތެރޭގެ އަދަދެކެވެ. ރިސޯޓުތަކުގެ ތެރެއިން 6 އިންސައްތައަށް 25 މިލިއަނާއި 50 މިލިއަނާ ދޭތެރޭގެ އަދަދެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. 2020 ވަނަ އަހަރުގެ އާމްދަނީ 100 ހާސް ޑޮލަރަށް ވުރެ މަދުވާނެ ކަމަށް ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 42 އިންސައްތަ މީހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ބައެއް ރިސޯޓުތައްވެސް ހިމެނެއެވެ. ގިނަ ފަރާތްތަކުން ލަފާކުރާ ގޮތުގައި 2021 ގައި މުޅިއަހަރަށް ލިބޭވަރު އިތުރުވާނެއެވެ.

މި ދިރާސާގައި ބައިވެރި ފަރާތްތަކުން ބުނީ މި އަހަރުގެ ލިބޭނެ ކަމަށް ލަފާކުރާ އެވުރެޖު އާމްދަނީއަކީ 3،075،000 ޑޮލަރެވެ. މިއީ 2019 ވަނަ އަހަރުގެ އާމްދަނީ އަށްވުރެ 25 އިންސައްތަ ދަށް އަދަދެކެވެ. 2021 ވަނައަހަރު ލިބޭނެ ކަމަށް ލަފާކުރެވިފައިވާ އެވުރެޖު އިޖުމާލީ އާމްދަނީއަކީ 5،133،019 ޑޮލަރެވެ. މިއީ 2019 ވަނަ އަހަރުގެ އާމްދަނީއަށް ވުރެ 26 އިންސައްތަ އިތުރު އަދަދެކެވެ. އެމްއެންޔޫގެ ދިރާސާ ރިޕޯޓުގައި އެވުރެޖު އަދަދުތައް ދަށްވެފައި ވަނީ ދިރާސާ އަށް ޖަވާބު ދިން ފަރާތްތަކުގެ 63 އިންސައްތައަކީ ގެސްޓް ހައުސްތައް ކަމުގައި ވާތީ ކަމަށް އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެންމެ ގިނައިން ފައިސާ ވަންނަ ދާއިރާއެއްކަމުގައި ދިރާސާ އިން ދައްކަނީ އެކަމަޑޭޝަން ނުވަތަ ހުރުމެވެ. ގިނަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި 2019 ވަނަ އަހަރު އާމްދަނީގެ 44 އިންސައްތަ ލިބިފައި ވަނީ އެކޮމޮޑޭޝަނުންނެވެ. މި އަހަރު ލިބޭނެކަމަށް ބުނެފައި ވަނީ 37 އިންސައްތަ އެވެ. 2021 ގައި 43 އިންސައްތަ އެވެ. މިއާ ޖެހިގެން ދެން އެންމެ ގިނައިން އާމްދަނީ ލިބެނީ ރެސްޓޯރެންޓާއި ބާ އަދި ކެފޭގެ އިތުރުން ލެޝާ ހަރަކާތްތަކުންނެވެ. މި ދާއިރާތަކުން މި އަހަރާއި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގައި 2019 އާ އަޅައިބަލާ އިރު މާ ބޮޑު ފަރަގެއް ނުދައްކައެވެ. ނަމަވެސް އެހެން ދާއިރާތަކުން އާމްދަނީ މަދުވާނެ ކަމަށް ދައްކައެވެ. އެންމެ މަދުން އާމްދަނީ ލިބޭ ދާއިރާއެއް ކަމަށް ދައްކަނީ ސްޕާއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަންބެރު

    ބުހުތާނުދޮގު ކަނޑައެޅިގެން ބޮޑު ދޮގެއް ތިވަރަކަށް ރާއްޖެ ނާންނާނެ.

  2. ޢެޕް

    ތިތަނަކަށް ތިކަހަލަ ދިރާސާތަށް ކުރާކަށްނޭގޭނެ. ޢޮސްޓްރޭލިއާއިން ކިޔަވާވި ދާޅުވެގެންއައިސް ޜިސޯޓެއްގެ އެޗް އާރު ޑައިރެކްޓަރަކަށް ހުރި ބޭފުޅަކުވެސްވި ދާޅުވި ރިސޯޓްގެ ރުއް ސާފްކުރާސްޓާފުން ބޭނުމެއްނުވާނެޔޭ. ޢެކަމަކު އެރަށަކީ ވަރަށްރުއްގިނަ އަ ދި ގެސްޓުންހިގާ ވޯކުވޭތަކުގެތެރޭގަވެސް ރުއްގިނަރަށެއް.

  3. ދާރި

    މީ ކެނެރީގޭ ނަސީ ދު ހަ ދާކަހަލަ ކޮސް ދިރާސާއެއް.

    10
    1
  4. މިއަދު

    ހާދަ.ކުޑަޢަދަދެއް

  5. ހަސާން

    ހަތަރު ލައްކަ އަޔަސް ރަނގަޅު..ހަލައްކަވެސް ހިޔެއް ނުވޭ އަންނާނެހެނެއް.. އެއީ ދުނިޔޭގެ އާބާދީގެ ގިނަބަޔަކު ވަޒީފާގެއްލި އާމްދަނީ ހުއްޓިފައިވާތީވެ.

  6. އެމަންޖެ

    އޭރައްތާ ކާލެވޭ ބައި ބޮޑުވާނީ. ކޮއްމެވެސް އޮޅުވާލުމެއް ހުރިހާ ކަމެއްގަވެސް ގެންނުޅެންވާނެތާ.

  7. ޫތޔތ

    ދިއުޅިއެއްނުވާދިރާސާ ކަލޭމެންތިހެދި ދިރާސާ އެއްވެސްގޮތަކައް ދިމާނުވާނެ އެމްއެންޔޫއަށްވެސްހުތުރު ލަދުކޮބާތަ!؟