އެސޯސިއޭޝަން އޮފް ސައިންޓިސްޓް ޑިވެލޮޕާ އެންޑް ފެކަލްޓީސް (އޭއެސްޑީއެފް) ގެ ދެކުނު އޭޝިއާގެ ޗެޕްޓާގައި ރާއްޖެ ރަޖިސްޓްރީ ވެއްޖެއެވެ.

އެސޯސިއޭޝަން އޮފް ސައިންޓިސްޓް ޑިވެލޮޕާ އެންޑް ފެކަލްޓީސް ( އޭއެސްޑީއެފް) ގެ ދެކުނު އޭޝިއާގެ ޗެޕްޓާއެއްގެ ގޮތުގައި ރާއްޖެ ރަޖިސްޓްރީ ކުރެވިފައިވަނީ މިއަދު އެވިޑް ކޮލެޖުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އޭއެސްޑީޕީގެ ދެކުނު އޭޝިއާގެ ޗެޕްޓާއަކަށް ރާއްޖެވުމުން ރާއްޖޭގެ ކޮންމެ މީހަކަށްވެސް އޭއެސްޑީއެފްގެ މެންބަރަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަދު އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ދެކުނު އޭޝިއާ ރީޖަންގެ ރީޖަލް ޗެޕްޓާގެ ރައީސް އަދި އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ވިދާޅުވީ އޭއެސްޑީއެފްގެ ދެކުނު އޭޝިއާގެ ޗެޕްޓާއެއްގެ ގޮތުގައި ރާއްޖެ ރަޖިސްޓްރީވުމަކީ ރާއްޖޭގެ ތައުލީމީ ގޮތުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވުނު މަގެއް ކަމަށެވެ. އަދި އޭއެސްޑީއެފްގެ މެންބަރަކަށް ވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާއިރު އެފުރުސަތުގެ ބޭނުން ހިފުމަށް މުސްތާގްވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ގޮވާލައިފައެވެ.

އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

" އޭއެސްޑީއެފްގެ ސައުތު އޭޝިއާ ޗެޕްޓާއެއްގެ ގޮތުގައި ރަޖިސްޓްރީވެގެން ދިޔުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ރާއްޖޭގެ ރިސާޗް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފުރުސަތެއް. ދިވެހި ރާއްޖެ ދެކުނު އޭޝިއާގެ ޗެޕްޓާއަކަށް ވުމުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އޭއެސްޑީއެފް ގެ މެންބަރަކަށް ވެވިގެންދާނެ" މުސްތާގް ވިދާޅުވިއެވެ.

އަދި އޭއެސްޑީއެފްގެ އެހީގައި ރާއްޖޭގައި ސައިންސްވެރިން އުފެއްދިގެންދާނެ ކަމުގައިވެސް މުސްތާގް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސައިންސްގެ ދާއިރާ އުޅެނީ ވަރަށް ޅަފަތުގައިކަން ފާހަގަކުރަމުން މުސްތާގް ވިދާޅުވީ އޭއެސްޑީއެފްގެ މެންބަރަކަށް ވުމުން މުސްތަގުބަލުގައި ރާއްޖޭގައި އެތަކެއް ސައިންވެރިންނެއް އުފެދި ސައިންސްގެ ރޮގުން ރާއްޖެ ކުރިއަރައިގެން ދާނެ ކަމަށެވެ.

އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އަދި އޭއެސްޑީއެފްގެ މެންބަރުންނަށް ދުނިޔޭގެ ފެންވަރުގެ ބައްދަލުވުންތަކާއި ފޯރަމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައިވެސް މުސްތާގް ވިދާޅުވިއެވެ.

އަދި 2020 ވަނަ އަހަރު އޮންނަ އޭއެސްޑީއެފްގެ ގްލޯބަލް އެވޯޑް ސެރެމަނީ ރާއްޖޭގައި ބޭއްވުމުގެ މަސައްކަތްތަށް ކުރަމުން އަންނަ ކަމުގައިވެސް މުސްތާގް ވިދާޅުވިއެވެ.