ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މާފަރު އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމައްޖައްސާފައި ވަނީ އެ އެއާޕޯޓުގައި ޕީސީއާރު ލެބެއް ގާއިމްކުރުމަށް ފަހުއެވެ. އެ ލެބް ގާއިމްކޮށްފައި ވަނީ، ސޮނޭވާ ގުރޫޕުންނެވެ. އަދި އެތަނަށް ބޭނުންވާ މެޝިންތަކާއި ހުރިހާ ވަސީލަތްތަކެއް އަދި ޕްލާސްޓިކް ވެއާސް ރާއްޖެއަށް ގެނެސްފައި ވަނީ އޭޑީކޭ ގުރޫޕުންނެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އެ އެއާޕޯޓުގައި ގާއިމްކޮށްފައިވާ ލެބޯޓްރީ އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުތަކާއި އެއްގޮތަށް އޭޑީކޭ އިން ފަރުމާކޮށްފައިވާ ލެބޯޓްރީއެކެވެ. އަދި އެ ލެބްގެ ސްޓޭންޑެޑް އޮޕަރޭޝަން ޕްރޮސީޖާސް ވެސް ތައްޔާރުކޮށްފައި ވަނީ އޭޑީކޭ އިންނެެވެ.

މި ހުރިހާ މަސައްކަތެއްކޮށް އެތަނުގެ މަސައްކަތް ނިންމާލުމަށް ހޭދަވީ ޖުމްލަ 30 ދުވަސް ކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ.

އެތަނުގައި ބޭނުންކުރާ ޕީސީއާރު މެޝިނަކީވެސް އޭޑީކޭގެ މެޝިނެކެވެ.

މާފަރު އެއަޕޯޓުގައި މިހާރު ގާއިމްކޮށްފައިވާ ލެބާއި އެކު މިހާރު ރާއްޖޭގެ ފަސް ތަނެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ފުލުހުންގެ ޑީއެންއޭ ލެބް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެއެވެ.

މާފަރު އެއާޕޯޓުގައި ޓެސްޓު ކުރަން ފެށުމާ އެކު އެތަން ވަނީ ރާއްޖޭގެ ޕީސީއާރު ޓެސްޓުކުރެވޭ ދެ ވަނަ ތަނަކަށް ވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ހަ ރަށެއްގައި ވަނީ ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ އިންތިޒާމް ހަމަޖައްސައިފައެވެ.

ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ހޮސްޕިޓަލްތަކަކީ ށ.އަތޮޅު ހޮސްޕިޓަލް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ.އަތޮޅު ހޮސްޕިޓަލް، ލ.ގަން ރީޖަނަލް ހޮސްޕިޓަލް، ގއ.އަތޮޅު ހޮސްޕިޓަލުގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.