ފެނާއި ނަރުދަމާއާ އެއްގޮތަށް ފެން ހިންދާނެ ނިޒާމެއް ރަށްތަކުގައި ގާއިމުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދު އަށް ވަރަށް ބޮޑަށް އުދަ އެރި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ފަޒުލް ވިދާޅުވީ ރަށް ގިރުމާއި އުދަ އެރުމުގެ މައްސަލަ ދިމާވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އޭނާގެ ދާއިރާގެ ރަށްތަކުގެ ތެރެއިން ވ. ފުލިދޫ އާއި ފެލިދޫ އާއި ތިނަދޫ ގިރަމުންދާތީ މަޖިލިހަށް ގަރާރެއް ވެސް ހުށަހަޅާފައި ވާނެ ކަން ފަޒުލް ފާހަގަކުރެއްވިއެވެ.

މޫސުމީ ކާރިސާތަކުގެ ސަބަބުން ފެންބޮޑުވުމުން ފެން ހިންދޭނެ ނިޒާމެއް ގާއިމު ކުރުމަކީ މިހާރު ފެނާއި ނަރުދަމާ ފަދަ އަސާސީ ކަމެއް ކަމަށް ފަޒުލް ވިދާޅުވިއެވެ.

ރަށް ގިރުމަކީ އެތައް އާއްމު ޚިދުމަތަކަށް ގޮންޖެހުން ދިމާވާ ކަމެއް ކަމަށާއި އެ މައްސަލައަކީ ދުރާލާ ރާވައިގެން ކުރަން ޖެހޭ މަސައްކަތަކަށް މިހާރު ބަދަލުވެފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އަދި މީގެ ކުރިން އުދަ ނާރާ ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ އިތުރުން މޫސުމީ މައްސަލަތައް މިހާރު ދިމާވާ ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށް ފަޒުލް ވިދާޅުވިއެވެ.

" އެހެންވީމަ އަޅުގަނޑުގެ ދާއިރާގެ މީހުން ރައްކާތެރިކުރުމަށްޓަކައި އަދި އެހެނިހެން ދާއިރާތަކުގެ މީހުން ރައްކާތެރިކުރުމަށްޓަކައި މިއަށް އެދެވޭ ފިޔަވަޅުތަކެއް އެބަ ޖެހޭ އަޅަން. ސްޓޯމް ވޯޓަގެ ކަންތައްތައް މިކަހަލަ ހާދިސާތައް ހިނގީމަ ސްޓޯމް ވޯޓަ މެނޭމަންޓް ސިސްޓަމެއް ރަށު ތެރޭގައި އޮތުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން. އެއީ މީގެ ކުރީގައި ރައީސް ޔާމީން ސަރުކާރުގައި ބައެއް ރަށްރަށުގައި ސްޓޯމް ވޯޓަ މެނޭޖްމެންޓް ޕްރޮޖެކްޓްތައް ހިންގާފައި އުޅޭ،" ފަޒުލް ވިދާޅުވިއެވެ.

މާލޭގައި ވެސް ފެން ބޮޑުވުމަކީ އެފަދަ ނިޒާމެއް ގާއިމްކޮށްގެން ހައްލު ލިބޭނެ ކަމެއް ކަަމަށް ފަޒުލް ވިދާޅުވިއެވެ.